މުސާރަތައް ކުޑަކޮށް، މަޝްރޫއުތައް ވެސް ހުއްޓާލަންޖެހޭ: ސަލީމް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާ މިވަގުތު، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 20،000ރ. އަށް ވުރެން ދަށްކޮށް އަދި މިހާރު ފަށާފައި ހުރި މަޝްރޫއުތައް ވެސް ހުއްޓާލަން ޖެހޭކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، މި ހާލަތަކީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ނޫން ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ގޮތުން ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ރައީސްކަން ކޮށްފައިވަ ފަރާތްތަކަށް ލިބޭ އިނާޔަތްތައް ދޫކޮށްލަންޖެހޭ ކަމަށާއި، މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ހުރިހާ ފަރާތްތަކުގެ މުސާރަ 20،000 ރުފިޔާއަށް ކުޑަކުރަންޖެހޭކަމަށެވެ. އަދި ރައީސުްޖުމްހޫރިއްޔާގެ މުސާރަވެސް ކުރިއަށް އޮތް ހަ މަސްދުވަހަށް ނުނެގުމަށް ސަލީމް ގޮވާލެއްވި އެވެ. 

“ދައުލަތުގައި އެއްވެސް މީހަކު މިހާރު ހުރެގެން ނުވާނެ 20 ނުވަތަ 25 ހާހަށްވުރެން މަތީ މުސާރައެއް ލިބޭ ބޭފުޅަކު އެއީ ހުދު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް،” މެމްބަރު ސަލީމް ވިދާޅުވި އެވެ.

ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން އެއްވެސް އެއްޗެއް ވެސް އުނިކޮށްގެން ނުވާނެ ކަމަށް  މެމްބަރު ސަލީމް ވިދާޅުވި އެވެ.

“ސިޔާސީ އެއްވެސް މުވައްޒަފެއްގެ މުސާރަ ވެސް 20،000 ރުފިޔާއަށް ވުރެން ކުޑަވެގެން ނޫނީ މި ހާލަތުން އަރައި ނުގަނެވޭނެ،” ސަލީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.