ގޭގައި އީދު ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި

ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑުޖަމާއަތް ނުހަދާ ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ގާއިމު ކުރުމަކީ ވަރަށް މަތިވެރި ޝިއާރަކަށްވި ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އާލަމީ ވަބާ އިން ރައްކާތެރިވުމަށް ގެއިން ބޭރަށް ނުކުމެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާވެ، މިސްކިތްތަކުގެ ޖަމާއަތް ހުއްޓާލެވި ގޭގައި މަޑު ކުރަން ޖެހިފައިވާ ކަމަށެވެ.

“އެފަދަ ޙާލަތުގައި ގޭގައި ޢީދު ނަމާދުކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައި ވެސް ޢީދުނަމާދު ކުރާ ފަދައިންނެވެ. ނަމަވެސް ޢީދު ނަމާދުގެ ޚުޠުބާއަކީ ޙާކިމާގެ ޢަމުރަށް ބޮޑު ޖަމާޢަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި ޢީދު ނަމާދު ކުރާއިރު ޚުޠުބާ ދިނުމެއް ނޯންނާނެއެވެ. ޢީދު ނަމާދުކުރާނީ ބަންގި ގޮވުމާއި ޤަމަތް ދިނުމަކާނުލައެވެ. ގޭގައި ޢީދުނަމާދު އެކަނި ވެސް ކުރެވޭނެއެވެ. ނަމަވެސް ގޭގެ އަހުލުންނާއެކު ޖަމާޢަތުގައި ކުރުން އައުލާކަން ބޮޑުވެގެންވެއެވެ.” ސާކިއުލާގައި ވެ އެވެ.

ގޭގައި ޢީދު ނަމާދު ކުރާއިރު ޢަމަލުކުރާނެ ގޮތްތައް:

ޢީދު ނަމާދަށް ނިޔަތްގަނެ ހަށަންބަތް ތަކްބީރު ކިޔައި ހަށަންބަނދެ، ދުޢާއުލް އިސްތިފްތާޙު ކިޔުން.
ހަށަންބަތް ތަކްބީރު ފިޔަވައި ވިދިވިދިގެން 7 ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް

  • އެއަށްފަހު ފާތިޙާ ސޫރަތް ކިޔަވައި ސޫރަތުލް އަޢުލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • އެއަށްފަހު އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކްޢަތް ފުރިހަމަކުރުމަށްފަހު ދެވަނަ ރަކްޢަތަށް ތެދުވުން.
  • ދެވަނަ ރަކްޢަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން 5 ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން.
  • ދެވަނަ ރަކްޢަތުގައި ފާތިޙާ ސޫރަތް ކިޔަވައި ސޫރަތުލް ޣާޝިޔާ، ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
  • ދެވަނަ ރަކްޢަތް ފުރިހަމަކޮށް، އައްތަޙިއްޔާތު ކިޔުމަށްފަހު ސަލާމްދިނުން.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުހެދުނަސް، ގޭގައި އީދު ނަމާދު ކުރުމަށާއި ގިނަ ގިނައިން ތަކްބީރު ކިއުމަށާއި ދުއާކޮށް، ޝަރުއީ ހަމަތަކުގެ މަތިން ރައްކާތެރިކަމާ އެކު ގޭގެ އަހުލުންނާ އެކު އީދު އުފާ ފާޅު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، މީހުން އެއްވެ އުޅުން މަދުކުރުމަށްޓަކައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ހުއްޓާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.