ކޮވިޑް ސެންޓަރުތައް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިމޭނެ: އަމީން

ކޮވިޑް-19 ފެތުރޭ ހާލަތަށް ތައްޔާރުވާން ރާއްޖޭގައި ފަސް ސަރަހައްދެއްގައި، ކްރިޓިކަލް ފަރުވާ ދެވޭ ގޮތަށް ހަދާ ކޮވިޑް ސެންޓަރުތައް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިމި ޚިދުމަތް ދެވެން ފެށޭވަރުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރޭ ޕީއެސްއެމްގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް ސެންޓަރުތަކުގެ އަމަލީ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ އިރު ވެންޓިލޭޓަރު ފަދަ ވަސީލަތްތައް ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ބަލި ކޮންޓްރޯލްކުރަން އެކި ލެވެލްތަކުގައި ޓާސްކްފޯސް އެކުލަވާލައި ކަރަންޓީނާއި އައިސޮލޭޝަނަށް ކައިރި ރިސޯޓްތައް ވަނީ ހަމަޖައްސައިފަ އެވެ. އަތޮޅުތަކުގައި ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ރާވާފައި އޮތީ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމެއްގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ހުރި ޖީން އެކްސްޕާޓްމެޝިންތަކުން ބައްޔަށް ޓެސްޓްކުރަން ވެސް ލަސްތަކެއް ނުވެ ފެށޭނެ އެވެ. އޭރުން، ދުވާލެއްގެ މައްޗަށް މާލެ އާއި އަތޮޅުތަކުގައި ޓެސްޓްކުރެވޭ ވަރު މިހާރަށް ވުރެން އިތުރުވެ، ބަލި ކޮންޓްރޯލް ކުރަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ސިއްހީ އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލުކޮށް، ބަލި ފެތުރުމުގެ ނުރައްކާ ކުޑަކުރި ބައެއް ރަށްތަކަށް ލުއިތަކެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވި އެވެ.

“މި ކަމަށްޓަކައި އަޅުގަނޑުމެން މިހާރު ވެސް އަންނަނީ ވާހަކަ ދައްކަމުން. ކޮންކަމެއްގައިތޯ އެ ރަށެއްގައި ލުއި ދޭވޭނީ،” މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.