ކޮވިޑް-19: އޭދަފުށީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ  އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އޭދަފުށީގައި އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި އެވެ.

އެގޮތުން އެއްރަށުން އަނެއްރަށަށް ކުރާ ދަތުރުތައް ވީހާވެސް މަދުކުރުމަށާއި މޮނިޓަރިން ހާލަތަށް ލާފައިވާ ރަށްރަށަށް ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ރަށްރަށަށް ކުރާ ދަތުރުތަކުގެ މައުލޫމާތު ކައުންސިލް އިދާރާއަށް ހިއްސާކުރުމަށްވެސް ރަށުކައުންސިލުން އެދެއެވެ. އެގޮތުން ދަތުރުތަކުގެ މައުލޫމާތު ހިއްސާކުރުމަށް 6608308 އާ ގުޅުމަށްވެސް ކައުންސިލުން އެދެއެވެ.

މީގެ އިތުރުން މުދާ އަރުވާ ބޭލުމުގައި ރައްކާތެރިވުމަށާއި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އެކަކު އަނެކަކާ ކައިރިން ބައްދަލުވެ ނޫޅުމަށާއި ގައިދުރުކަން ބަހައްޓައިގެން މުއާމަލާތް ކުރުމަށް ވެސް ކައުންސިލުން އިލްތިމާސް ކުރެއެވެ. އަދި ސަޕްލައި ދޯނިތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ރަށްރަށަށް ނުފޭބުމަށާއި ފެރީތަކުން ދަތުރުކުރާ ފަރާތްތަކުން ވެސް އެޗްޕީއޭގެ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ކައުންސިލުން އެދެއެވެ.

ރަށު ކައުންސިލުން ބުނީ މި ފިޔަވަޅުތަކަކީ އެޗްޕީއޭގެ ވެސް ހުއްދައާ އެކު ތަންފީޒުކުރުމަށް ނިންމާފައިވާ ކަންކަން ކަމަށެވެ. އެހެންވެ، މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ވެސް ކައުންސިލުންވަނީ އެދިފަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.