ފެމެލީ ސެންޓަރަށް މުވައްޒަފުން ހޯދަން ކުރި އިއުލާނުތައް ބާތިލްކޮށްފި

އޭދަފުށީގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ގާއިމުކުރާ ޗިލްޑްރަންސް ހޯމަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން ކުރި އިއުލާން ބާތިލްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ބ. ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް މުވައްޒަފުން ހޯދަން މިއަހަރު ފެށުނުތަނާ އިއުލާންކުރި ދާއިރާތަކުގެ ތެރޭގައި އެސިސްޓެންޑް ޑިރެކްޓަރަކާއި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އިތުރުން ކުދިން ބަލަހައްޓާ 26 މީހުންނާއި މަސައްކަތު ތިން މީހުންގެ އިތުރުން ކައްކާއިންނާއި ވޮޗަރުން ހިމެނެ އެވެ.

ޖެންޑާ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބ. ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރ، (ބ. އޭދަފުށި) މުވައްޒަފުން ބޭނުންވެގެން ކޮށްފައިވާ އިއުލާނުތައް ބާތިލުކޮށްފައިވާ ކަމަށެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި މި އިއުލާނުތައް ބާތިލުކުރީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅިގެންނާއި އިދާރީ ބައެއް ބަދަލުތަކެއް އައުމާ ގުޅިގެންނެވެ.

ހޯމް ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދަން އިޢްލާން ކުރިއިރު، ހޯމް ސެންޓަރުގެ އިމާރާތައް ގެންނަޖެހޭ ބަދަލުތަކާއި، ފަރުނީޗަރު ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެއެވެ. އެމިނިސްޓްރީން ކުރިން ބުނެފައިވަނީ މިއަހަރު އޭދަފުށީގެ އިތުރުން ހޯމް ސެންޓަރު ގާއިމްކުރާނީ އައްޑޫ ސިޓީގައި ކަމަށެވެ.

2007 ވަނައަހަރުން ފެށިގެން ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ ނަމުގައި އޭދަފުށީގައި ސެންޓަރެއް ގާއިމްކޮށް ހިންގަމުން ގެންދާއިރު ފަހަކަށް އައިސް މަދުމަދުން ކުޑަކުދިންނަށް ހިމާޔަތްދީގެން އެތަނުގައި ބަލަހައްޓަމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ.

ހޯމް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ އެކަމަޑޭޝަން ބްލޮކެއް ފެމެލީ ސެންޓަރުގެ ގޯތިތެރޭގައި ގާއިމްކޮށްފައި ހުންނަތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.