ބ. އަތޮޅަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކުރި ކޯވިޑްއަށް ފަރުވާދޭ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހުން މެސިންތައް އޮޕަރޭޓް ކުރަނީ. ފޮޓޯ ޕީއެސްއެމް ނިއުސް

ބ. އަތޮޅު ހޮސްޕިޓަލަށާއި މިއަތޮޅު ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ ބ. އަތޮޅު ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަން ސީނިއާ/މެޑިކަލް އޮފިސަރުންނާއި މެޑިކަލް އޮފިސަރުންގެ އިތުރުން ނަރުހުން ބޭނުންވާ ކަމަށެވެ. އެއިން ކޮންމެ ދާއިރާކަށް ވެސް ހޯދަނީ އަށް ޑޮކްޓަރުންނާއި އަށް ނަރުހުންނެވެ.

ޝައުގުވެރިވާ ޑޮކްޓަރުންނާއި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އަދި ނަރުހުން ސެޕްޓެމްބަރު 13 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ. ޝަރުތު ހަމަވާ މީހުންގެ އިންޓަވިއު ވެސް މިމަހުގެ ތެރޭގައި ފަށާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މެޑިކަލް އޮފިސަރުންނާއި ސީނިއާ މެޑިކަލް އޮފިސަރުން އަދި ނަރުހުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރޭންކަށް ބެލުމަށް ފަހުގަ އެވެ. ސީނިއާ މެޑިކަލް އޮފިސަރުންގެ މުސާރަ 19،230ރ. އާއި 22،040ރ. އާ ދެމެދު އުޅޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި 6150ރ.-8250ރ. ލިބޭނެ އެވެ. މެޑިކަލް އޮފިސަރުންގެ މުސާރަ އަކީ 19،230ރ-22040ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނީ 8250ރ. އެވެ.

ނަރުހުންގެ މުސާރަ އުޅެނީ 9060ރ. އާއި 10،160ރ. އާ ދެމެދުގަ އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 188ރ. އާއި 120ރ އާ ދެމެދުގެ އެލަވަންސެއް ދޭނެ އެވެ.

ހެލްތް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ނަރުހުންނާއި ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ހޯދަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބެ އެވެ.

ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން އިއުލާންކުރިއިރު، ސިއްހީ ދާއިރާ އަށް އަންނަމުންދާ ކުރިއެރުންތަކާ އެކު އެ ދާއިރާ އަށް މީހުން ބޭނުންވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.