ލޯފަން މީހުންނަށް ހާއްސަ “ފޯންމީޓިން 130” މިއަހަރުވެސް ދިރާގުން ދެނީ

ދިރާގުން ލޯފަން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދީފި އެވެ.

ދިރާގުން ދަނީ 2016 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއަށް މި ހިދުމަތް ހިލޭ ފޯރު ކޮށްދެމުންނެވެ. ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް ކަމަށްވާ “ފޯންމީޓިން 130” މި އަހަރު ވެސް ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭން ނިންމައިފި އެވެ.

މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ހިދުމަތްތަކެވެ. އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް އެ ޖަމިއްޔާ އަށް ދިމާވެ އެވެ. މި ދަތިކަމުގެ ސަބަބުން ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ އެ ޖަމިއްޔާ އަށް ދަތި ކަމެވެ.

ނަމަވެސް، ދިރާގުން މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވެ އެވެ. އަދި މި ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ 200 ޖަމިއްޔާގެ މެންބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރަން ވަރަށް ބޮޑު އެހީ އަކަށް ވެގެން ދެ އެވެ.

ބީވީއައިއެސްއެމް ޖަމިއްޔާއަކީ އަހަރުތެރޭގައި ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާ އެކެވެ. އެގޮތުން މި ހިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެ އެވެ. އެގޮތުން ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން މި ޙިދުމަތް ބޭނުންކުރެ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ހިދުމަތް މެދުވެރިކޮށް ހިސާބު އާއި ލެޓިން އަދި އަރަބި ބަހާއި ގުރުއާން، ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. ކޮވިޑް19ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައިވެސް ބީވީއައިއެސްއެމް ވަނީ މި ހިދުމަތް މެދުވެރިކޮށް މެދުކެނޑުމެއްނެތި ޖަމިއްޔާގެ ހަރަކާތްތައް ކުރި އަށް ގެންގޮސްފަ އެވެ.

ދިރާގުން މި ހިދުމަތް ދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުގެ އަމާޒަކީ މުސްތަގްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.