ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ގިނަވެގެން ހުރެވޭނީ އަށް އަހަރު

ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ހަމަޖައްސައި ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް މިއަދު އާއްމުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މި އުސޫލުގައި ބުނެފައިވާ ގޮތުން މި އުސޫލުގެ މަގުސަދަކީ ސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލްތަކަށް އެންމެ އެކަށީގެންވާ ޤާބިލު ޕްރިންސިޕަލުން އައްޔަންކުރުމެވެ.

އަދި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލުހޯދުމާއެކު، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމަކީވެސް މިއުސޫލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމަކަށް ވާއިރު، ޕްރިންސިޕަލުން ހޯދުމަށް އިއުލާނު ކުރަނީ ސިވިލް ސާވިސްގެ އެހެން ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާނު ކުރާ އުސޫލުންނެވެ.

ސިވިލް ސާވިސްގެ އުސޫލުގައި ބުނާގޮތުން ޕްރިންސިޕަލުންގެ މަގާމަށް ހޮވާ ފަރަތެއް ކަނޑައާޅާނީ ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވާ އުސޫލަށް ބަލައިގެންނެވެ. އަދި މި މަގަމަކީ ދާއިމީ ގިންތީގައި ހިމެނޭ މަގާމަކަށް ވާތީ، ޕްރިންސިޕަލުންގެ ގޮތުގައި ހޮވާ ފަރާތްތަކާމެދު އަމަލު ކުރާނީ ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުންނާމެދު އަމަލު ކުރާ އުސޫލުން ކަމަށް ބުނެފައިވެ އެވެ.

އެ އުސޫލުގައި ބުނާގޮތުން ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަހަރެވެ. އަދި ވިދިވިދިގެން އެންމެ ގިނަވެގެން ޕްރިންސިޕަލް ކަން އެއް ސްކޫލެއްގަިއ ކުރެވޭނީ އަށް އަހަރު ވަންދެން ކަމަށް ބުނެފައިވެ އެވެ.

އުސޫލު އާންމު ކުރާ ދުވަހުން ފެށިގެން އުސޫލަށް އަމަލު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އުސޫލަށް އަމަލު ކުރަން ފެށުމާއެކު ސްކޫލުތަކުގެ އިދާރީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ ކަމަށައި އެފަރާތްތަކަށް އެއް އަހަރުގެ ތެރޭގައި ޓެނުއާޝިޕް ހަމަޖައްސަންވާނެ ކަމަށް ކަމަށް ބުނެފައިވެ އެވެ.

މި އުސޫލު އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައު އާންމުކޮށްފައިވަނީ އިއްޔެ އެވެ. އުސޫލު އެކުލަވާލާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.