ދުނިޔޭގެ މަންތާ ޑޭ ބ. އަތޮޅުގައި ފާހަގަކޮށްފި

ދުނިޔޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ “މަންޓާ ޑޭ” ނުވަތަ އެންމަޑީގެ ދުވަސް ބ. އަތޮޅުގައި ފާހަގަކޮށްފި އެވެ.

ރާއްޖެއިން އެއް ސަރަހައްދަކުން އެންމެ ގިނަ އެންމަޑީ ފެންނަ އެއް ސަރަހައްދު ކަމަށްވާ ބ. އަތޮޅު ހަނިފަރު ބޭގައި ވަނީ މި ދުވަހާ ގުޅުވައިގެން ފަތުރުވެރިންނަށް ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިސާވް އޮފީހުން “މަންތާ ޑޭ” އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި މަންތާ ބެލުމަށް މިއަދު ހަނިފަރަށް ދިޔަ ކޮންމެ ފަތުރު ވެރިއަކަށް އެއްދުވަހު ހިލޭ މަންތާ ބެލުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި ދުވަހާ ގުޅިގެން ހާއްސަ ކޭކެއް ވެސް ވަނީ ފަޅައިފައެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް މަންތާ ޑޭ ފާހަގަކުރަން މިއަހަރު ފަށާފައި މިވަނީ، އިންސާނުންގެ ފަރާތުން އެންމަޑިއަށް ލިބޭ ގެއްލުމާއި އެ މަޑީގެ ސަބަބުން ލިބޭ ފައިދާ ދުނިޔޭގެ އެންމެންނަށް އެންގުމުގެ ބޭނުމުގައެވެ.

ކޮންމެ އަހަރެއްގެ މެދުތެރޭގައި ބ. އަތޮޅު ހަނިފަރަށް އެންމަޑި ގިނަ އަދަދަކަށް ޖަމާވެ އެވެ. މޭމަހުން ނޮވެމްބަރު މަހަކީ “މަންތާ ސީޒަން” އެވެ. އެއީ މި ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ވެސް ގެންގުޅޭ ވަސީލަތެކެވެ.

މަންތާ ރޭއާއި ގުޅޭ ދިރާސާ ކުރުމަށް ރާއްޖޭގައި ސެންޓަރެއް ގާއިމުކޮށް މިހާރުވެސް އިނގިރޭސި ވިލާތުގެ ކަނޑުގެ ދިރުން ހިމާޔަތްކޮށް ދިރާސާ ކުރާ އަމިއްލަ ޖަމިއްޔާއެއް ބ. އަތޮޅުގައި 2011 ން ފެށިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.

ލަނޑާގިރާވަރުގައި ހުރި ސެންޓަރުން ގެންދަނީ މަންތާގެ އާބާދީ ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 4،300 ތަފާތު އެންމަޑި ހޯދާފައިވެ އެވެ. އިންސާނުންގެ ފިންގާ ޕްރިންޓް ތަފާތު ވާ ފަދައިން ކޮންމެ އެންމަޑިއެއްގެ ބަނޑު ދަށުގައި ތަފާތު ލައްތަކެއް ހުރެ އެވެ. މި ސެންޓަރުގެ ތަޖުރިބާކާރުން ކޮންމެ ސީޒަނެއްގައި ވެސް ފީނައި ވަކިވަކި އެންމަޑި ދެނެގަތުމުގެ މަސައްކަތް ކުރެ އެވެ.

އެންމަޑީގެ އާބާދީއަށް ކުރިމަތިވާ މައްސަލަތަކާއި އެތަކެތި ދަތުރު ކުރާ ގޮތް ދެނެގަންނަން އެ މައުލޫމާތު ބޭނުންކުރެ އެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނީ ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ސަބަބުން މަންތާ ޑޭ އާއި ގުޅޭ ގިނަ ހަރަކާތްތަކެއް ކަންސަލް ކުރަން ޖެހުނު ނަމަވެސް، އަންނަ އަހަރު މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.