ދުޅަހެޔޮ ފަރުތަކަށް މުހިއްމު ލަނޑާ ރާއްޖޭގައި ހިމާޔަތްކޮށްފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކުގެ ލިސްޓަށް ފަރުތަކަށް މުހިއްމު މަހުގެ އާއިލާއެއްކަމުގައިވާ ލަނޑާ އިތުރުކޮށްފިއެވެ. އެއްމެ ފަހުން ފަރުމަހެއް ރާއްޖޭގައި ހިމާޔަތްކުރެވުނީ 1995ވަނަ އަހަރު މާހުޅުނބުލަނޑާއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އާއްމުކުރި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދު (2020/ރ-75) ގެ ދަށުން ލަނޑާގެ ހުރިހާ ބާވަތެއް ހިމާޔަތްކުރެވުނީ ބްލޫ މެރިން ފައުންޑޭޝަންގެ މޯލްޑިވްސް ރެސީލިއަންޓް ރީފްސްގެ ޕްރޮޖެކްޓުގެ ފަރާތުން ހިންގި ‘މާދަމާއަށް ބަލައިގެން’ ކެންޕެއިނުގެ ހަރަކާތްތައް ނިމުނުތާ ދެމަސްދުވަހުގެ ތެރޭގައެވެ.

ބްލޫ މެރިން ފައުންޑޭޝަންގެ މޯލްޑިވްސް ރާއްޖޭގެ ފަރުތަކުގެ ސަލާމަތްތެރިކަމަށްޓަކައި ލަނޑާގެ ދުޅަހެޔޮ އާބާދީއެއްގެ މުހިއްމުކަމަށް އަލިއަޅުވާލައި ކުރިޔަށް ގެންދިޔަ ކެންޕޭނަށް އެތައް ބަޔެއްގެ ތަރުހީބު  ލިބުނެވެ. މީގެ ތެރޭގައި މަދަނީ ޖަމުއިއްޔާތަކާއި، އިލްމީ ފަރާތްތަކާއި، މަސްވެރިކަންކުރާ ފަރާތްތަކާއި ދިވެހި ފަންނާނުންގެ ތާއީދު ފާހަގަކޮށްލެވޭ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ބްލޫ މެރިން ފައުންޑޭޝަންގެ މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖަރ ޝާހާ ހާޝިމް ވިދާޅުވީ ގާހުދުވުންފަދަ ފަރުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލަނޑާގެ ދައުރު ވަރަށް މުހިއްމު ކަމަށާއި ކުރިޔާ އަޅާބަލާއިރު ފަރުތަކުގެ ހާލަތު މިހާރު  މާބޮޑަށްވެސް ދަށްވެއްޖެ ކަމަށެވެ.

“ކުރިޔަށް އޮތްތާގައި ފަރުތަކަށް ގެއްލުން ލިބޭ ކާރިސާތަކުގެ އަދަދު އިތުރުވާނެ. އަދި ލިބޭ ގެއްލުން ނިސްބަތުން ބޮޑުވާނެ. ކަނޑުތަކުގެ ލޮނުގަނޑު އުފުލުމުން އަހަރުމެންނަށާއި އަހަރުމެންގެ ރަށްތަކަށް ލިބޭނެ ގެއްލުން ކުޑަކުރުމަށްޓަކައި ފަރުތައް ރައްކާތެރިކުރުން ވަރަށް މުހިއްމު”.

ގުރާގެ ތުންގަނޑުހެން ތުންގަނޑު ހުންނަ ލަނޑާއަކީ ފަރުތަކުގައި އުޅޭ ކުލަގަދަ އަދި ހަލުވި ފަރުމަހުގެ އާއިލާއެކެވެ. އެސޮރުމެން ދުވަހުގެ 90 ޕަސަންޓު ވަގުތު ހޭދަކުރަނީ ފެހިކެހުމުގައެވެ. ފަރުތަކުގައި މުރަކައިގެ ދިރުން ފެށުމަށް ބޭނުންވާ ޖާގަ ލިބެނީ ގައުތަކުގައި ޖަހާފައިވާ ފެހި ލަނޑާ ކައި ސާފުކުރުމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ފަޅުތަކާއި ގޮނޑުދޮށްތައް ހެދުމަށް ބޭނުންވާ 80 ޕަސަންޓު ވެލި ބޭރުފަރުތަކުގައި އުފައްދަނީ ލަނޑައެވެ.

މުރަކަ ފަރުތައް ދިރާސާކުރުމުގައި 25 އަހަރު ހޭދަކޮށްފައިވާ ޔޫކޭގެ ޔުނިވަރސިޓީ އޮފް އެކްސެޓަރގެ ޕްރޮފެސަރ އޮފް މެރިން ސައިންސް ޕްރޮފެސަރ ކެލަމް ރޮބަރޓްސް ވިދާޅުވި ގޮތުގައި ދިރާސާތަކުން ދައްކާގޮތުގައި ލަނޑާ ގިނައިން  އުޅޭ ފަރުތަކާއި އަޅާބަލާއިރު ލަނޑާ މަދުން އުޅޭ ފަރުތައް އާލާވާ މިންވަރު މާލަހެވެ. އަދި ރާއްޖޭގެ ސަރުކާރުން އެޅި މި ފަޔަވަޅަކީ ރާއްޖޭގެ ފަރުތަކުގެ ހާލަތު ރަނގަޅުކުރުމަށާއި ފަރުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވެދޭނެ ވަރަށްވެސް މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ލަނޑާއަކީ ދިވެހިން ކެއުމުގައި އާއްމުކޮށް ބޭނުންކޮށް އުޅުނު މަހެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް މާރުކޭޓުތަކުގަޔާއި ފިހާރަތަކުގައި ލަނޑާ ވިއްކަން ހުންނަ މިންވަރު އިތުރުވެއްޖެއެވެ.

ކާފު އަތޮޅު ދިއްފުށީ މަސްވެރިޔެއް ކަމުގައިވާ ޔޫސުފް އަބްދުލް ރަހުމާނު ބުނި ގޮތުގައި “އަހަރެން ފަރުމަސްވެރިކަން ކުރާތާ މިހާރު 20 ކަށް އަހަރު ވެއްޖެ. މިހާރަކަށް އައިސް ލަނޑާ ބާނާ މީހުންގެ އަދަދު، ހާއްސަކޮށް މުނިފޫހިފިލުވުމަށް ލަނޑާ ބާނާ ޒުވާނުން، މާބޮޑަށްވެސް އިތުރުވެއްޖެ. އެތައް ބައިވަރު ލަނޑާ އެއްފަހަރާ ބާނާފާ ހުންނަތަން ފެނޭ”.

ލަނޑާ ބޭނޭ މިންވަރު މަދުވާތީ  ބައެއް މަސްވެރިން ކަންބޮޑުވެއެވެ. މިއީ ސަރުކާރުން އެޅި ފިޔަވަޅަށް އަމަލުކުރަން އެމީހުން ބޭނުންވާ އެއްސަބަބެވެ.

ކ. އަތޮޅު ހުރާގެ ފަރުމަސްވެރިޔެއް ކަމުގައިވާ ޒުހައިރު ބުނި ގޮތުގައި އޭނާ ފަރުމަސްވެރިކަން ކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި މިހާރު ލަނޑާ ބޭނޭލެއް މަދުވާން ފަށައިފ އެވ

“ފާއިތުވެދިޔަ 3 ހަފުތާގައި އެއްވެސް ލަނޑައެއް ނުބޭނޭ. މާލެ އަތޮޅުން ލަނޑާ މަދުވެފައިވާ މިންވަރަށް ބަލާއިރު މީ ހިމާޔަތްކުރަން މުހިއްމު މަހެއް ކަމުގައި ދެކެން”.

މާލޭ މަސްމާރުކޭޓުން ފެންނަނީ އުންމީދީ މަންޒަރެކެވެ. ލަނޑާ ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާކުރި ފަހުން މާރުކޭޓަށް ލަނޑާ ގެނައުން އެއްކޮށްހެން ހުއްޓިއްޖެއެވެ. މާލޭ މަސް މާރުކޭޓަށް މަސްވިއްކާ ފަރާތެއް ކަމުގައިވާ އަލީ ހަސަން ބުނި ގޮތުގައި “ކޮވިޑް19ގެ ކުރީކޮޅު މާލެ އަތޮޅުގައި މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމުގައި ލަނޑާ ބާނާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި.  ނަމަވެސް ލަނޑާ ހިފުން މަނާކުރިފަހުން ފާއިތުވެދިޔަ ދެ ހަފުތާގައި މިތަނަށް ލަނޑާ ގެންނަ މިންވަރު ދަށްވެއްޖެ”.

ރާއްޖޭގެ މަސްވެރިކަން މޭނޭޖުކުރުމުގެ ޕްލޭންތައް  ސަރުކާރުން މިހާރު ދަނީ މުރާޖައާކުރަމުންނެވެ. ބްލޫ މެރިން ފައިންޑޭޝަންގެ އުއްމީދަކީ  ކުރިޔަށްއޮތް ތަނުގައި އިތުރު އުއްމީދީ ފިޔަވަޅުތަކެއް އެޅިގެންދިޔުމެވެ.

މޯލްޑިވްސް ރެސީލިއަންޓް ރީފްސް ޕްރޮޖެކްޓަކީ ބްލޫ މެރިން ފައުންޑޭޝަނުން ދިވެހިރާއްޖޭގައި ހިންގާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓުގެ އަމާޒަކީ ދިވެހިންނާއި ދިވެހިރާއްޖޭގެ ތިމާވެށި އަދި އިގުތިސާދުގެ ރައްކާތެރިކަމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ފަރުތަކުގެ ދުޅަހެޔޮކަން އިތުރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.