މާއްޑޫ ވަރުވާ އަށް ދޫކުރަނީ

ބ. މާއްޑޫ

ބ. މާއްޑޫ ހިމެނޭގޮތަށް ހަތް ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

އިއްޔެ އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ވަރުވާ އަށް ދޫކުރަން ނިންމާފައި ވަނީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫއާއި ށ. ނެޔޮ، ނ. ތޮޅެންދޫ، ބ. މާއްޑޫ، ޅ. ޅޮއްސަލަފުށި އަދި ގއ. އޮއިނިގިއްލާ އެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުންކަމަށާއި މީގެއިތުރުން، ކޯލި (ޕޯލްޓްރީ) އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައްވެސް އިތުރުކުރުން ކަމަށެވެ.

އޭދަފުށީ ކައިރީގައި އޮންނަ މާއްޑޫ އަކީ 26.6 ހެކްޓަރުގެ ރަށެކެވެ. އޭދަފުށީ ގިނަ ބައެއްގެ އެދުމުގެ މަތިން 2013 ވަނަ އަހަރު އެރަށް ވަނީ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކެބިނެޓުން ފާސްކޮށް 2013 ވަނަ އަހަރުގެ ޖުލައިމަހު އޭދަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

ނަމަވެސް އޭގެ ފަހުން އެރަށް ވަރުވާއަށް އަމިއްލަ ފަރާތަކަށް ދޫކޮށްފައިވަނިކޮށް، އެރަށްހޯދަން އެގްރިކަލްޗަރ މިނިސްޓްރީން ކުރިމަސައްކަތާގުޅިގެން ، ވަރުވާއަށް އެރަށް ލިބިފައިވާ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް މިމައްސަލައިގައި ވަގުތީ އަމުރެއް ނެރެ މިދިޔައަހަރުގެ ނިޔަލަށް އެރަށް އޮތީ އޭނާގެ ބެލުމުގެ ދަށުގައެވެ.

އޭގެފަހުން މިއހަތު ކުރީކޮޅު އެރަށް ވަގުތީގޮތުން ބެލެހެއްޓުން ވަނީ އޭދަފުށީ ކައުންސިލާ ޙަވާލުކޮށްފަ އެވެ. އެރަށް މިހާރު އާންމު ގޮތެއްގައި ބޭނުންކުރަނީ އޭދަފުށީ މީހުން ދަތުރު ދިއުމަށާއި ކާއްޓާއި ދަރު ހޮވުމަށް ދިއުމަށެވެ.  

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.