ނަފްސާނީ ބަލިތަކުން އަރައިގަތުމަށް މުޅި މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވޭ: ރައީސް

ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އަޅައިލުމާއި އެހީތެރިކަން ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އިސްނަގައިގެން ރޭ “ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް” ގެ ނަމުގައި ބޭއްވި ޚާއްޞަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

މި ދުވަހާއި ގުޅުވައިގެން ޑަބްލިޔު.އެޗް.އޯ. އިން ބޭއްވި ހަރަކާތުގައި ދިވެހި ބަހުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ، ނަފްސާނީ ބަލިތަކަކީ ވެސް އެހެނިހެން ޖިސްމާނީ ބަލިތަކެކޭ އެއް ފަދަ ބަލިތަކަކަށް ވެފައި، ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާތީ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަފްސާނީ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމާއި، އެފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ވާގިވެރިކަމާއި އެހީތެރިކަން ބޭނުންވާނެކަމުގައެވެ. އަދި، އެ މަނިކުފާނު ވަނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރަށް އަލިއަޅުއްވައިލައްވާ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކޯވިޑް-19 ގެ ހާލަތަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި، ޚާއްޞަކޮށް، މި ބަލިމަޑުކަމާއި ގުޅިގެން ސައިކޯ-ސޯޝަލް ސަޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، ނަފްސާނީ ބަލިތަކަކީ ވެސް ކަންބޮޑުވާންޖެހޭ ފަދަ “ސީރިއަސް” ބަލިތަކެއްކަމުގައި ވިދާޅުވެ، އެ ފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެކަން ހަނދުމަކޮށްދެމުންނެވެ. އަދި، މިފަދަ ބަލިތައް ތަޙައްމުލުކުރަމުންދާ މީހުންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

“ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް” ގެ ނަމުގައި ޑަބްލިޔު.އެޗް.އޯ. އިން އިސްނަގައިގެން އޮންލައިންކޮށް މިފަދަ ހަރަކާތެއް ބާއްވާފައިވާ، މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.