ގެސްޓްހައުސް ހުންނަ ރަށްތަކުން ކަރަންޓީން ނުވެ ދަތުރުކުރެވޭނީ 6 ޙާލަތެއްގައި

ގެސްޓްހައުސް ހިންގާ ރަށްތަކާއި އެރަށްތަކުން އެހެން ރަށްތަކަށް ކަރަންޓީން ނުވާގޮތަށް ދަތުރުކުރެވޭނީ 6 ޙާލަތެއްގައިކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްތަކުން އެހެން ރަށްތަކަށް 6ޙާލަތެއްގައި ދަތުރުކުރެވޭނެކަމަށެވެ.

މިހާލަތުގައި ޚިދުމަތްފަށާ ގެސްޓަހައުސް ހުންނަ ރަށްތަކުން އެހެން ރަށްތަކަށް ދަތުރުކުރާ މީހުން ޢާއްމު އުސޫލުން 14ދުވަހު ކަރަންޓީނުވާން ޖެހޭގޮތަށް އެޗްޕީއޭއިން ވަނީ އުސޫލު އެކުލަވާލާފައެވެ.

ގެސްޓްހައުސްތައް މިމަހުގެ 15ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، މި ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ޢުސޫލު އެޗްޕީއޭއިންވަނީ ޢާއްމުކޮށްފައެވެ.

އެ އުސޫލުގައިވާގޮތުން ދަތުރުކުރެވޭނީ ސިއްޙީ ކަމެއްގައި، އާއިލާގެ މީހަކު ބަލިވެގެން، ބޭންކިންގ ޚިދުމަތަށް، ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތައް، ކޯޓުގެ ޚިދުމަތަށް އަދި ސްކޫލަށް ދިޔުމަށް ދެރަށްދެމެދުކުރާ ދަތުރުތަކަށް އެކަންނެވެ.
އެޗްޕީއޭއިން ވަނީ ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްއެޅުންވެސް މަޖުބޫރުކޮށްފައެވެ. އަދި ރަށުގައި ޚިދުމަތްދިންނަމަވެސް ގެސްޓްހައުސްތަކަށްދާ މީހުން އާއްމުން ދިރިއުޅޭ ގެތަކަށް ވަދެއުޅުން ވަނީ މަނާކޮށްފައެވެ.

އުސޫލުގައި ބުނެފައިވާގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ. އަދި މި ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ޤާއިމުވެފައި ހުންނަ ރަށްތަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.