
ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ރޯޔަލް ފިނޮޅު ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.

މިއަދު ހެދުނު ބޭއްވި ހަރަކާތުގައި އެ ޖަމިއްޔާއިން ވަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކު ދަތުރު ގޮސް އުޅޭ ރޯޔަލް ފިނޮޅު ސާފުކޮށް ގިނަ އަދަދެއްގެ ކުނި ނަގައިފަ އެވެ. އަދި ނައްތާނުލެވޭ ޒާތުގެ ކުނިތައް އޭދަފުއްޓަށް ގެނަސް ކުނިކޮށްޓަށް ވަނީ ޖަމާކޮށްފައެވެ.
“އެންމެ ބޮޑަށް ފާހަގަކުރެވުނީ ދަތުރު މީހުން ބޭނުންކޮށްފައި ހުރި ތަކެތި ގިނަ އަދަދަކަށް ހުރިކަން. އެގޮތުން ކުނި އަޅަން ގެންދިޔަ ގޯނިތައް ފުރިފައިވަނީ ދަތުރުދާ މީހުން ގެންދިޔަ ޕްލާސްޓިކް ތައްޓާއި ދަޅާއި ފުޅި އާއި ލުއިކާނާ ޕެކެޓާއި ކުޑަކުދިންގެ ނެޕީ ފަދަ ތަކެތިން،”

ފޭލިން ބުނިގޮތުގައި މި އިވެންޓުގެ މަގްސަދަކީ މިފަހަކަށް އައިސް ރޯޔަލް ފިނޮޅަކީ ގިނަ އަދަދެއްގެ މީހުންނާއި، ކުޑަ ކުދިން ދަތުރުދާ ތަނަކަށް ވެފައި އެ ފިނޮޅު ސާފުތަނެއްގެ ގޮތުގައި ބޭއްވުމެވެ.
ފޭލިން ބުނި ގޮތުގައި މިއަދު ޔޯޔަލް ފިނޮޅު ސާފުކުރިއަސް އެންމެ މުހިއްމީ ރީތި ފިނޮޅުތައް ކުނި ގޮނޑަކަށް ނުހަދާ ސާފުތާހިރުކޮށް ބޭއްވުމެވެ. އަދި ފިނޮޅުތަކަށް ދަތުރުދާ ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަން އެ ޖަމިއްޔާއން ފާހަގަކުރި އެވެ.
“ފަރުދީ ޒިންމާ އެބައޮތް ފިނޮޅުތަކާއި މޫދާއި އެތަން މިތަނަށް ކުނި ނޭޅުމުގައި. ކޮންމެ މީހަކު ވެސް އެ ޒިންމާ އަދާކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ. އޭގެ އިތުރުން ދަތުރު ދާއިރު ގެންދާ ކުނި، ހާއްސާކޮށް ޕްލާސްޓިކް ފަދަ ތަކެތި ފިނޮޅަށް ދޫކޮށްނުލައި، އަނބުރާ ގެންނަނަމަ މިކަމަށް ހައްލެއް ލިބިދާނެ ކަމަށް މި ހަރަކާތުން އަޅުގަނޑުމެންނަށް ފާހަގަވި،” ފޭލިން ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ މިމަހު ކުރީކޮޅު އޭދަފުށީގައި މިހާރު އާއްމުން މޫދަށްއެރޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.