ބީއެމްއެލްގެ އެހީއާއެކު ކުރިނބީގައި އައުޓްޑޯ ޖިމެއް ހުޅުވައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ކުރިނބީގައި ތަރައްގީ ކުރި ޖިމުގައި ބަޔަކު ކަސްރަތު ކުރަނީ- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީއާ އެކު ހދ. ކުރިނބީގައި އައުޓްޑޯ ޖިމެއް ހަދައި ހުޅުވައިފި އެވެ.

މި ޖިމް އަކީ ކުރިނބީގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން އާދަމް ޝަޒީމް އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމަންޓް އިން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ކުރިނބީގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ހުޅުވުނު މި ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު 7 އައުޓްޑޯ އިކުއިޕްމަންޓް އެކުލެވެއެވެ. މީގެ ތެރެއިން 3 މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެއްޗެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގްބަލުގައިވެސް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކަކަށް ވުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއްކަމަށް ސައީދު ވިދާޅުވި އެވެ.

“ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން.” އޭނާ ވިދާޅުވިއެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އާދަމް ޝަޒީމް ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓްގެ ބޭނުމަކީ އެ ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި ކަސްރަތަށް އަހުލުވެރިކުރުވުމެވެ. “މި ރަށުގައި ކަސްރަތު ކުރުމަށް ސަރަހައްދެއް ގާއިމްވެފައި ނުވާތީ ގިނަފަރާތަކަށް ކަސްރަތު ކުރުން ވަނީ ދަތި އުދަނގޫ ކަމަކަށްވެފައި. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކަށްވީ ހިތުގެ ބަލި، ޑައިބެޓިކްސް، ޕްރެޝަރު މަތިވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަދި އަމިއްލައަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް އެހީވުން. މިއީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ވެސް ހާއްސަ ޖިމް އަކަށް ވާނެކަމަށް އުއްމީދުކުރަން. މި މަސައްކަތައް ރަށުގެ ރައްޔިތުންނާއި ކުރިނބީ ޔޫތް މޫވްމަންޓުގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތައް ހާއްސަ ޝުކުރުރެއް އަދާކުރަން.” ޝަޒީމް ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.