
ކައުންސިލް އިންތިހާބު އޭޕްރިލް 3 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އޭޕްރިލް ތިނެއްގައި ބޭއްވުމަށް ތާވަލު ކުރަން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އެ އިންތިހާބު ވަނީ މިއަހަރަށް ފަސްކޮށްފަ އެވެ.
އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ. އެ ގާނޫނު ބުނާ ގޮތުން، އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިންނެވެ.
ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އީސީން މަސައްކަތް ކުރަމުން އައީ މިއަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް އިތުރު ކުރުމުން އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.