
އޭދަފުށި ގޮނޑުދޮށުގައި ރޭ ރެދަން ލައި ދިއްލާލައިފި އެވެ.
އޭދަފުށީ އުތުރުފަރާތު މޫދަށްއެރޭ ސަރަހައްދު އަތިރިމަތީގައި ރެދަން ލުމުން ގިނަ ބަޔަކު ރޭ އެ ސަރަހައްދަށް ގޮސްތިއްބެވެ.

ރެދަން ލާފައިވާ މަންޒަރު ބަލަން އާއިލާތައް އެކުގައި ގޮސް ރެދަން ލާފައި ހުންނައިރު ޖަހާ ރާޅާއެކު ނޫކުލައިން ދިއްލިގެންދާ ވަގުތު، އެ ހިތްގައިމު މަންޒަރު ފޮޓޯ ނަގައި ވީޑިއޯކޮށް، ރީތިކަމުގެ ވާހަކަ ދައްކަ އެވެ.

ވަކި ދުވަސްވަރަކާ ދިމާކޮށް ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. އެއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ކުޑަ ވަގުތުކޮޅަކަށް ދިއްލޭ ދިރުމެކެވެ.
ރެދަން ލަނީ ކީއްވެ؟
ރެދަން ލުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ކަޅުފޮއި ރޭރޭ ދޯނި ފަހަރު ދުއްވާފައި ދާއިރު ކަނޑުމަތިން ވެސް މި މަންޒަރު ފެނެ އެވެ.
އެކަމަކު ކަނޑުން ފެންނަ ރެދަން ލުމާ މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށުގައި ލާފައި މިވާ ރެދަނާ ތަފާތެވެ. މި ދެ ކަމަކީ ވެސް ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުން ދިމާވާ ކަމެކެވެ. އާއްމު ގޮތެއްގައި ކަނޑުމަތީގައި ލާ ރެދަން ދިއްލި ފައި ހުންނަނީ މަދު ސިކުންތު ކޮޅަކަށެވެ.