
ބޮޑު މެދުކެނޑުމަކަށް ފަހު ސްކޫލުތަކުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލަކު މިއަދު ކިޔެވުން ފަށަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފައިވާ އިރު މިއަދު ވަނީ ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔެވުން ފަށައިފަ އެވެ.
ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ގއ. ދެއްވަދޫ، ލ. ފޮނަދޫ އަދި އެ އަތޮޅު ގަމު ސްކޫލުތައް މިއަދަކު ނުހުޅުވަ އެވެ.
ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ކޮށް ސްކޫލުތަކުން އޮތީ ތައްޔާރުވެފަ އެވެ. ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށެވެ.

ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން މިމަހުގެ 10 އިން ފެށިގެން ޖޫން މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. ދެވަނަ ޓާރމުގައި 113 ދުވަހު ކިޔަވައިދޭން ނިންމާފައިވާއިރު، 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.