
ބ. އޭދަފުށީ ކައުންސިލުން އިއުލާންކޮށްފައިވާ، އޭދަފުށިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބުދެމުން އަންނަ ކަަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރުމާ އެކު، ޕޮއިންޓް ދީން ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެ މައްސަލަތައް ރަސްމީކޮށް، ހުށަހަޅަން ދިން މުއްދަތު މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
މި ޝަކުވާތަކާ ގުޅޭ ގޮތުން “އީޓީ” ން ސުވާލު ދެންނެވުމުން ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން މިއަދު ވިދާޅުވީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ކައުންސިލުން އަންނަނީ ވަކިވަކިން ބަލަމުން ކަމަށެވެ. އެ ހުރިހާ ޝަކުވާތަކަށް ވެސް ޖަވާބުދޭނެ ކަމަށް ވިދާޅުވި އެވެ.
“ޝަކުވާތަކަށް ވަކިވަކިން ޖަވާބުދިނުމުގެ މަސައްކަތް ކުރަމުން މިދަނީ، ލިސްޓަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކު، އަދި ގާނޫނީ ގޮތުން ލަފާ ހޯދުމަށްފަހު ދާއިމީ ލިސްޓު އާއްމުކުރާނީ،” ތޮލާލު ވިދާޅުވި އެވެ.
އޭދަފުށީ ހިއްކި ބިމުން ފުރަތަމަ ބުރުގައި ދޫކުރުމަށް ނިންމާފައިވާ 158 ގޯއްޗަށް އެދި 662 މީހަކު ފޯމު ހުށަހެޅި އެވެ. ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކުރުމާ އެކު، އެންމެ ބޮޑު ޝަކުވާ އަކީ އާއްމުކުރި އުސޫލުގައިވާ އަދަދަށްވުރެ މަދުން ޕޮއިންޓް ލިބިފައިވާކަމަށް ބުނެއެވެ.