
ބ.އޭދަފުށީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތަކެއްގައި ރަށުގެ ތަރައްގީއަށް ހިންގަމުން އަންނަ މަޝްރޫއުތަކެއް ހުއްޓުވުމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.

މި މަހުގެ 16 ވަނަ ދުވަހު އެލްޖީއޭއިން އޭދަފުށީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އިދާރާގެ ހުއްދަ ނެގުމަކާ ނުލައި، ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް އޭދަފުށީ ކައުންސިލުން ބިންތަކެއް ކުއްޔަށް ދޫކުރި ކަމަށް ބުނެ މައްސަލައެއް އާންމު ފަރާތަކުން އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އިދާރާއިން ބެލި ބެލުމުން އެ ބިންތައް ކުއްޔަށް ދޫކޮށްފައިވަނީ އެލްޖީއޭގެ ހުއްދަ ނުހޯދާކަން ފާހަގަކުރެވުނު ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އެގޮތުން މިރަށު ދިގަލިގެއާ ދިމާ އަތިތިމަތިން މޯލްޑިވްސް އިސްލާމިކް ބޭންކަށް ދޫކޮށްފައިވާ 2،500 އަކަފޫޓުގެ ބިމަކާއި، ހަމަ އެ ސަރަހައްދުން 2 ކޮޓަރީގެ އެޕާޓުމެންޓެއް އެޅުމަށް ބ.އަތޮޅު ކައުންސިލަށް ދޫކޮށްފައިވާ ބިމާއި ޕާކެއް ޤާއިމުކުރަން ވެސްޓްވިންގަށް ދޫކުރި ބިމާއި، އައިސް ޕްލާންޓެއް އެޅުމަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް މަޝްރޫއެއް ހިންގާނަމަ ވަގުތުން ހުއްޓާލުމަށް ވަނީ އަންގައިފައެވެ.
އެލްޖީއޭއިން އެގޮތަށް އެންގި ނަމަވެސް މީގެ ތެރެއިން ބައެއް ބިންތަކުގައި ކުރިއަށް ގެންދާ މަޝްރުއުތައް ހުއްޓުމެއްނެތި މިހާރުވެސް ކުރިއަށް އެބަގެންދެ އެވެ.
