
ބ.އޭދަފުށީ ކައުންސިލުން ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި ހަތަރު ބިމެއް ކުއްޔަށް ދީފައިވާ ކަމުގައި ބުނެ، އެލްޖީއޭއިން އެ ބިންތަކުގައި ހިންގާ މަޝްރޫޢުތައް ހުއްޓަން އަންގާފައިވަނީ އޮޅުވާލައިގެންކަން ހާމަވެއްޖެއެވެ.

ލޯކަލް ގަވަމެންޓު އޮތޯރިޓީން މިދިޔަ ހަފްތާ އޭދަފުށީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އިދާރާއިން ހުއްދަ ހޯދުމަކާ ނުލައި، ހަތަރު ބިމެއް އޭދަފުށީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ.
އެއީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ދޫކޮށްފައިވާ 2،500 އަކަފޫޓުގެ ބިމަކާއި، ޕާކެއް ޤާއިމުކުރަން ވެސްޓްވިންގަށް ދޫކުރި ބިމާއި، އައިސް ޕްލާންޓެއް އެޅުމަށް ދޫކޮށްފައިވާ ބިމަކާއި، 2 ކޮޓަރީގެ އެޕާޓުމެންޓެއް އެޅުމަށް ބ.އަތޮޅު ކައުންސިލަށް ދޫކޮށްފައިވާ ބިމެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި އޭދަފުށިން އިސްލާމިކް ބޭންކަށް ދޫކޮށްފައިވާ ބިން ފިޔަވައި އިތުރު އެއްވެސް ބިމަކީ ކުއްޔަށް ދޫކޮށްފައިވާ ބިމެއް ނޫނެވެ. އަދި އިސްލާމިކް ބޭންކަށް ކައުންސިލުން ބިން ދޫކޮށްފައިވަނީ، ކައުންސިލުތަކުގެ ދައުރު ހަމަވާތީ ރައްޔިތުންގެ މަޖިލިހުން ފާސްކުރި ސަންސެޓު ޤާނޫނުގެ ކުރިންނެވެ. އަދި އެ ބިން ކުއްޔަށް ދޫކޮށްފައިވަނީ އެއިރު އެކަމަށް ހޯދަންޖެހޭ ހުއްދަ ހޯދައިގެން ކަމަށް ކައުންސިލުން ބުންޏެވެ.
އޭދަފުށީ ކައުންސިލުން ބާކީ ހުރި ބިންތަކުގެ ތެރެއިން ޕާކު ޤާއިމުކުރަން ވެސްޓުވިންގަށް ދޫކުރި ބިމަކީ ކުއްޔަށް ދޫކުރި ބިމެއް ނޫން ކަމަށާއި، އެއީ ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ޕްރޮގުރާމުން އެ ޖަމްއިއްޔާއަށް ހަމަޖެހިފައިވާ ފަންޑެއް ބޭނުންކޮށްގެން ޕާކެއް ޤާއިމުކުރުމަށް ދިން ބިމެއް ކަމަށެވެ. އެ ޕާކުގެ މަސައްކަތް ނިމުމުން އެތަން އޮންނާނީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.
އަދި 2 އެޕާޓުމެންޓެއް އެޅުމަށް އަތޮޅު ކައުންސިލަށް ދޫކުރި ބިމަކީވެސް ހަމައެކަނި އެ މަސައްކަތްކުރަން ދޫކުރި ބިމެއް ކަމަށާއި، އެއީ ބަޔޮސްފިއާ ރިޒާވް ފަންޑު މެދުވެރިކޮށް ފައިސާ ހަމަޖެހިގެން ބ.އަތޮޅު ހުރިހާ ރަށެއްގައި ހިންގާ މަޝްރޫޢެއް ކަމަށްވެސް ކައުންސިލުން ބުންޏެވެ. ކޮންމެ ރަށެއްގައި އަޅާ އިމާރާތުގެ މިލްކުވެރިކަން އޮންނާނީ އެ ރަށެއްގެ ކައުންސިލަށް ކަމަށާއި އެ މަސައްކަތުން ލިބޭ މަންފާވެސް ލިބޭނީ ރަށު ކައުންސިލަށް ކަމުގައި އޭދަފުށީ ކައުންސިލުން ބުންޏެވެ.
އައިސް ޕްލާންޓުގެ މަޝްރޫޢު ހިންގުމަށް ބިން ކުއްޔަށް ދިނުމަށް ނިންމައި، އެކަމުގެ ހުއްދައަށް އެލްޖީއޭގައި އެދިފައިވާނެ ކަމަށާއި، ނަމަވެސް އެލްޖީއޭއިން ހުއްދައަށްވެސް އެދިފައިނުވާ ކަމަށް ބުނުމުން ކައުންސިލުން ހިތާމަކުރާ ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.
އޭދަފުށީ ކައުންސިލުން ބުނެފައިވަނީ އެ ބިން 10 އަހަރަށް ކުއްޔަށް ދިނުމަށް ފާސްކުރި ނަމަވެސް އެލްޖީއޭގެ ހުއްދަ ނުލިބިގެން އެތަން ކުއްޔަށް ދެވިފައިނުވާ ކަމަށެވެ.
އެލްޖީއިން ބަލަންވާވަރަށް ނުބަލައި މި މަޝްރޫއުތައް ހުއްޓާލުމަށް އެންގުމާ ގުޅިގެން ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
