
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ރިޕޯޓް ކުރާއިރު މީޑިއާތަކުން ޒިންމާދާރު ވުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ގޮވާލައްވައިފި އެވެ.

މިނިސްޓަރު މިގޮތަށް ގޮވާލައްވާފައި މިވަނީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓަމުންދިޔަ ބައެއް ކުދިން ބ. އޭދަފުއްޓަށް ބަދަލުކުރުމުން އެކުދިންނާ މެދު ހިތްހަމަ ނުޖެހިގެން މިރަށުގެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކޮށްފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނިކޮށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ ކުއްޖަކުވެސް ޅަފަތުގައި ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށާއި ހާއްސަކޮށް، އާއިލާއެއް ނެތި ބޮޑެތިވާ ކުދިންނަށް އެކަންކަން ބޮޑަށް ދިމާވާ ކަމަށެވެ.
“ކުދިންގެ ދިރިއުޅުމުގައި ދިމާވާ އުނދަގޫ ކަންކަމުގެ ސަބަބުން އެކުދިންނަށް ގަވާއިދާ ހިލާފުވެ، ބައެއް ފަހަރު ރުޅި ގަދަވެ، ކަންކަން ކުރަން މަޖުބޫރުވޭ. އަދި އެކަންކަން ކޮންމެ ދުވަހަކުވެސް ތަޖުރިބާ ކުރަން ޖެހޭ،” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރަކީ އެކުދިން އެކި ކަންކަން ތަޖުރިބާ ކޮށް، ދަސްކުރުމުގައި ދިމާވާ ކަންކަން ދުނިޔެއަށް ފޮރުވައި، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރާ ދުވަސްވަރެއް ކަމަށެވެ. އަދި ކުދިން ބަދުނާމު ކުރުމަކީ ފަހުން ދެރަ ކަންކަން ކުރިމަތިވާނެ ކަމެއް ކަމަށެވެ.
“އެކުދިން ލޭބަލްކޮށް، ބަދުނާމު ކުރުމަކީ އެކުދިންނަށް ދެވޭ އަނިޔާއެއްލ ކޮމިއުނިޓީން އެކުދިންގެ މިފަދަ ކަންކަމަށް އެހީތެރި ނުވެ، އެކުދިން ލޭބަލްކޮށް، ބަދުނާމު ކުރާނަމަ، އެކުދިން ރަނގަޅުވުމަށް އެހީތެރިއެއް ނުވެވޭނެ، އެހެންކަމުން މީޑިއާތަކަށް ގޮވާލަން ބޭއިހުތިރާމް ނުވެ، ޒިންމާދާރުކަމާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ރިޕޯޓް ކުރުމަށް،” މިނިސްޓަރު ވިދާޅުވިއެވެ.
ކުދިންނަށް އުފާވެރި، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި ރަށްރަށަށް ދައުލަތުން ބަލަހައްޓާ ކުދިން ބަދަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު 24 ގަ އެވެ. ސަރުކާރުން އަލަށް ފެށި އެ މަސައްކަތުގައި އޭދަފުއްޓަށް 17 ކުދިން ބަދަލުކޮށް ބައިތިއްބާފައިވަނީ “އަމާން ހިޔާ” ގަ އެވެ. އެއީ ހަތަރު އާއިލާއަކަށް ނިސްބަތްވާ ކުދިންނެވެ.
އޭދަފުއްޓަށް ބަދަލުކުރި ބައެއް ކުދިންގެ އަހުލާގީ މައްސަލަތަކާ މެދު ބައެ މިރަށުގެ ބައެއް މީހުން ވަނީ މިދޔަ އާދީއްތަ ދުވަހު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކުދިންގެ ފަރާތުން ދިމާވާ މައްސަލަތަކާއި އާންމުންގެ ކަންބޮޑުވުން ރަށު ކައުންސިލުން ވަނީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ސަމާލުކަމަށް ދެ ފަހަރެއްގެ މަތިން ގެނެސްފަ އެވެ.
