
ޅ. ނައިފަރުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށް ފަހު އެހެން ރަށަކަށް ދަތުރުކޮށްފި ނަމަ އެ މީހަކު ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން ބުނީ އެ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށް ފަހު ފުރި ނަމަ، އެ މީހަކު އުޅޭ ރަށެއްގެ ސިއްހީ މަރުކަޒަށް ނުވަތަ ހޮސްޕިޓަލަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެނބުރި ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަހު ކަރަންޓީން ވާން ޖެހޭނެ ކަމަށާއި ކަރަންޓީންގެ މުއްދަތު ހަމަވުމުން، ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށް ބުންޏެވެ. އެ މީހަކު ހުރި ރަށެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނަކުން މި ކަން ހަމަޖައްސަދޭން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
މީގެ އިތުރުން، މިމަހުގެ 10 ގެ ފަހުން މާލެ ގޮސްފައިވާ ނަމަވެސް ކަރަންޓީން ވާން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ. އަދި 10 ދުވަސް ހަމަވުމުން، މާލޭ ހިޔާ ކައިރި ފްލޫ ކްލިނިކަށް ނުވަތަ ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ފްލޫކްލިނިކްތަކަށް ދިއުމަށް ފަހު ސާމްޕަލް ނަގައި، ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
“ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ނައިފަރުން އެނބުރި ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާކުރެއްވުމަށް ދަންނަވަން،” އެޗްޕީއޭ އިން ބުންޏެވެ.
އުނގޫފާރަށް ދަތުކުރި ނައިފަރުގެ މީހަކު ޕޮޒިޓިވްވެގެން، މީގެ ތިން ދުވަސް ކުރިން ފެށިގެން އެ ރަށަށް އަރައިފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ. އޭނާއާ ގުޅުން ހުރި 49 ސާމްޕަލް ވަނީ ނަގައިފަ އެވެ. މިހާތަނަށް ނަތީޖާ ލިބުނު އެއްވެސް ސާމްޕަލެއް އަދި ޕޮޒިޓިވްވެފައެއް ނުވެ އެވެ.
