ޕީޕީއެމުން ބައިވެރިނުވާތީ ކައުންސިލް ބަހުސް ކެންސަލް!

ވަގުތުނެތް ކަމަށްބުނެ ޕީޕީއެމް ކެންޑިޑޭޓުން ކައުންސިލް ބަހުސްގައި ބައިވެރިވާން އެއްބަސްނުވުމުން އެންމެފަހުން ”އޭދަފުށީ ކައުންސިލް ބަހުސް“ ކެންސަލްކޮށްފި އެވެ.

އޭދަފުށީ ކައުންސިލް ބަހުސް އިންތިޒާމް ކޮމެޓީން ބުނީ ބަހުސް ކެންސަލްކުރަން ޖެހުނީ، ޕީޕީއެމުން ކައުންސިލް ބަހުސްގައި ބައިވެރިވާން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށެވެ.

އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ތިބީ ކައުންސިލު ބަހުސްގައި ބައިވެރިވާން ތައްޔާރަށެވެ.

އިންތިޒާމްކޮމެޓީގެ ސެކްރެޓަރީޖެނެރަލް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ނާއިބްރައީސް އަލީރަފީއު ވިދާޅުވީ އެމްޑީޕީން ބަހުސަށް ތައްޔާރުވި ނަމަވެސް ޕީޕީއެމްގެ އަޑު ބަހުސްގައި ނެތުމަކީ ބަހުސެއްގެ ސިފަވަންތަކަން ގެއްލި ރައްޔިތުންނަށް ގޮތް ނިންމުމަށް އުނދަގޫތަކެއް ކުރިމަތިވާނެކަމެއް ކަމަށެވ.

“އެމްޑީޕީއާއެކު އެކަނިވެސް ބަހުސް ބޭއްވިދާނެ. އެ ކެންޑިޑޭޓުން ތިއްބެވީ އެގޮތަށްވެސް ރައްޔިތުންނާ ބައްދަލުކޮށް އެބޭފުޅުންގެ ވާހަކަތައް އަޑުއިއްވުމަށް ވަރަށް ބޮޑަށް ބޭނުންވެފައި. އެކަމަކު އެންމެ ފަރާތަކުން ދައްކާ ވާހަކައަކުން ބަހުސްގެ މަގްސަދު ރައްޔިތުންނަށް ހާސިލް ކޮށްދެވޭނެތޯ؟” އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ޕީޕީއެމަށް ދޭންޖެހޭ ހުރިހާ އޮޕްޝަނެއްވެސް ދިނިން ކަމަށާއި ނަމަވެސް އެއްވެސް ހުށަހެޅުމެއް ގަބޫލު ނުކުރެއްވި ކަމަށެވެ.

“އެންމެފަހުން، ކުރެވޭނެ ސުވާލުތަކާއި، ސަލާމަތްތެރިކަމުގެ ޔަގީންކަންވެސް ދިނިން، ކެންޕޭނާ ހެދި ވަގުތުދެވެން ނެތްކަމަށް ވިދާޅުވީ، ބޮޑަށް ބެލެވެނީ އެބޭފުޅުންނަށް ރައްޔިތުންނާ ކުރިމަތި ލާން ނުކެރުމުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއްވެސް އޮތްކަމަށް.”

މިފަހަރުގެ ބަހުސް ބާއްވަން ނިންމީ އޭދަފުށީގެ އޮންލައިން ދެ ނޫސް އޭދަފުށީ ޓައިމްސް އާއި އޭދަފުށީ ވޮއިސް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި، ވެލާ ސްޕޯޓްސް ކްލަބް ގުޅިގެން އުފައްދާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.

އޭދަފުށީ ކައުންސިލްގެ މިދިޔަ 3 ދައުރުގެ ތެރެއިން ފުރަތަމަ ދައުރު އޭދަފުށީގައި ބޭއްވި ކައުންސިލް ބަހުސްގައި އޭރުގެ ޑީއާރުޕީ ކެނޑިޑޭޓުން މަގުބޫލު އުޒުރެއްނެތި ބައިވެރިނުވެއެވެ. އޭގެ ފަހުން އައި ދެ އިންތިހާބުގައި ބަހުސެއް ނުބާއްވައެވެ. އީވީއަށް އެނގިފައިވާ ގޮތުގައި އެ ދެފަހަރުވެސް ބަހުސް ބާއްވަން އަމިއްލަ ޖަމިއްޔާތަކުން ފެށި މަސައްކަތް ހުއްޓާލީ ޕީޕީއެމް ކެނޑިޑޭޓުންގެ އެއްބާރުލުން ނުލިބުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.