ބަލަބަލައި ތިއްބާ އޭދަފުށީގައި ކޮވިޑު ކޭސްތައް މައްޗަށް!

ބ. އޭދަފުށި.– އީޓީ ފޮޓޯ: އައިޝަތު ދިފްލާ

ހުމާއި ރޯގާގެ އަލާމާތް ފެނިގެން އޭދަފުށިން ފްލޫ ކްލިނިކަށް ދެއްކި ބަޔަކު މިދިޔަ މަހު ފަހުކޮޅު ކޮވިޑަށް ޕޮޒިޓިވްވެ، އޭގެ ފަހުން އަނެއްކާވެސް ކޮވިޑް ކޭސްތައް ވަރަށްބޮޑަށް އިތުރުވާން ފަށައިފި އެވެ.

އޭދަފުށިން ދެވަނަ ފަހަރަށް ކޮވިޑު ކޭސްތަކެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. ހަފްތާއެއްހާ ދުވަހުގެ މޮނިޓަރިންއަށް ފަހު މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިދިޔަމަހުގެ 22 ވަނަ ދުވަހުއެވެ. މޮނިޓަރިން އުވާލި އިރުވެސް އެކްޓިވް ކޭސް ހުއްޓެވެ.

އޭގެ ފަހުން މިދިޔަ ހަފްތާ ވެސް ރަށު ތެރެއިން ބަޔަކު ޕޮޒިޓިވްވެ މިހާރު ވަނީ ބޮޑު ކްލަސްޓާއެއް އުފެދިފަ އެވެ.

އޭދަފުށީގައި މިވަގުތު 23 އެކްޓިވް ކޭސް ހުރި ނަމަވެސް ރަށުގެ ކަމާބެހޭ ފަރާތްތަކުން ކުރިން އެޅި ކަހަލަ މާބޮޑު ފިޔަވަޅުތަކެއް ނާޅައެވެ. ސްކޫލުގައި ވެސް އެޗްޕީއޭގެ ގައިޑުލައިން ތަކާއި އެއްގޮތަށް ކިޔަވައިދެއެވެ.

ކޮވިޑު-19 ގެ ބަލި އޭދަފުށީގައި ފެތުރެމުން ދިޔަ ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ ވިސްނުން މިވަގުތު ހުރީ ބައްޔާއި އެކު ކުރިއަށް ދިއުމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުމެވެ.

އޭދަފުށީގައި ކޮވިޑު ކޭސްތައް އިތުރުވަމުން އަންނައިރު އާއްމުންގެ ކަންބޮޑުވުން މިވަގުތު އެންމެ ބޮޑީ ކަރަންޓީނުކޮށްފައިވާ ބައެއް ގޭތަކުން މީހުން ނުކުތުމާއި ބައެއް ހޮޓާ/ރެސްޓޯރަންޓް ތަކުގައި މަސައްކަތްކުރާ ވެއިޓަރުން މާސްކު ނާޅާ އުޅުމެވެ. އަދި ގްރޫޕް ހަދައިގެން ބައެއް މީހުން ރަށު ތެރޭގައި އެނބުރޭއިރު، އަދި މާސްކް ނާޅާ އުޅޭއިރު އެ މަންޒަރު ފެންނަ ޕޮލިހެއް، ކައުންސިލެއް މިހާރަކު ނެތުމެވެ.

މީގެ ސަބަބުން އޭދަފުށީގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.