ހިޖުރަކުރާ ދޫނި ހިފާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: އީޕީއޭ

ދުނިޔޭގެ އެކި ސަރަހައްދުތަކުން މި ދުވަސްވަރު ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރަމުންދާތީ ކަންބޮޑުވާ ކަމަށާއި އެގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދުވަސްވަރު ރާއްޖެ އަށް ތަފާތު ވައްތަރުގެ ދޫނިތައް ހިޖުރަކުރަމުން އަންނަ ކަމަށެވެ. އެފަދަ ދޫނިތަކަކީ ހިމާޔަތްކޮށްފައިވާ ދޫނިތަކެއްކަން އީޕީއޭގެ ބަޔާނުގައި ހަނދާންކޮށްދިނެވެ.

މިގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބެމުންދާތީވެ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު “ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއ ބަދަލު ހޯދުމުގެ ގަވާއިދު” އާއި “ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު” ގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި، މި ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދިނުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.