ކުޑަރިކިލު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ކުޑަރިކިލު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ/ޕީއެސްއެމް

ބ. ކުޑަރިކިލު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީ ހޯގާޑުން މިއަދު ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފައްޓަވައި ދެއްވީ ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސްއެވެ.

އެ ރަސްމިއްޔާތުގައި އަބްދުލް ހަންނާނު ވިދާޅުވީ ކުޑަރިކިލު ބަނދަރުގެ ހެދުމުގެ މަސައްކަތް ފެށިގެން ދިއުމަކީ ރައްޔިތުން ލަފާ ފުރުމަށް އުފުލަމުން އައި ތަކުލީފަށް ނިމުން ގެނުވާނެކަމެއް ކަމަށެވެ. އަދި މިއީ ކުޑަރިކިލުގެ ތާރީހްގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށާއި އެކަމަށް އެރަށު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ހަންނާން ވަނީ ދެއްވާފައެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީ ހޯގާޑް އާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ޖުމުލަ 33.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރާ އެ މަސައްކަތް އެމްޓީ ހޯގާޑް އާ ހަވާލު ކޮށްފައިވަނީ 381 ދުވަސް ތެރޭގައި ނިންމުމަށެވެ.

އެ މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، އެއްގަމު ތޮށި ލުމާއި، ނެރުބައްތި އަދި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބްލޮކްސް ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.

ބަނދަރު ހެދުމުގެ މަސައްކަތާއެކު އެރަށު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އެމްޓީ ހޯގާޑާ ވަނީ ހަވާލުކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން ކުޑަރިކިލުގެ އިރުމަތީ ފަރާތުގައި 100 މީޓަރުގެ ތިން ބްރޭކް ވޯޓާ އާއި 150 މީޓަރުގެ ބްރޭކް ވޯޓާއެއް ގާއިމުކުރާނެ އެވެ. މީގެ އިތުރުން ރަށުގެ އިރުމަތީ ފަރާތާއި ދެކުނުފަރާތު ގޮނޑުދޮށަށް ފަސްއަޅައި ބީޗް ޕްރޮފައިލް ކުރުން ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.