ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދު ސަރުކާރުން ހަމަޖައްސައިދެނީ

އަންނަ އަހަރު ފެށިގެން އަންނައިރުގައި، ޙާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މިހާރަށްވުރެ ބޮޑަށް ރާއްޖޭގައި ދީނި އިލްމު ފެތުރުމަށް ސަރުކާރުން އިސްކަން ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން، ކީރިތި ޤުރްއާނުގެ އިލްމަކީ، ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް ކަމުގައެވެ. ނަމަވެސް، އެ އިލްމުތަކުގެ ބޭނުން ހިފޭ ތަން ނުފެންނަ ކަމަށް ވިދާޅުވެ، ޤުރްއާން ޓީޗަރުންނާއި، ޙާފިޒުންނާއި އިމާމުން އުފެއްދުމަށްވުރެ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެގޮތުން އެންމެ މުހިންމު ކަމަކީ، ކީރިތި ޤުރްއާނުގެ އިލްމުތައް ފެތުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤުރްއާނުގެ އިލްމީ ކަންޒުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ، ކީރިތި ޤުރްއާނުގެ އިލްމީ ދިރާސާތައް ކޮށްގެން ކަމަށާއި، މި ޒަމާނުގެ އިލްމީ ހޯދުންތައްވެސް، ކީރިތި ޤުރްއާނުގެ އިލްމީ ހަގީގަތްތަކުން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

އެހެންވީމާ، އަޅުގަނޑަށް ވިސްނޭގޮތުގައި، މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާންޖެހޭ. ޤުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުން.

ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރޭ ދަސްވެނިވި ޤުރްއާން މުދައްރިސުންނާއި އިމާމުންވެސް، އެބޭފުޅުންގެ އަމަލީ މަސައްކަތުގައި އިސްކަން ދެއްވަންވީ، އެ ބޭފުޅުން އެ އުނގެނިވަޑައިގެންނެވި އެއްޗެއް، އަމަލީ ދިރިއުޅުއްވުމުގައި ތަންފީޒު ކުރެއްވުމަށް ކަމަށެވެ. އަދި އެހެން މީހުންނަށް އެ ކަންކަން ދަސްކޮށްދެއްވައި، ޤުރްއާނުގެ ތަރުބަވީ އަޚުލާގުގެ މަތީގައި ދެމިތިބުމަށް ބާރުއެޅުއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމުގައި ޤުރްއާން މުދައްރިސުންގެ ދައުރު ވަކިން ބޮޑު ކަމުގައި ފާހަގަ ކުރައްވާ ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެ ބޭފުޅުންނަކީ، އަޅުގަނޑުމެންގެ ތެރެއިން ކުދިންތަކަކަށް އުނގަންނައިދެއްވުމުގެ ޒިންމާ އަދާކުރައްވާނެ ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުން ޤުރްއާން ކިޔަވައިދެއްވާއިރު، އެ ބޭފުޅުންގެ އަޚްލާގު ވެސް ހުންނަންވާނީ، ކީރިތި ޤުރްއާނުގެ އަޚްލާގީ އިމުގެ ތެރޭގައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.