ދަރަވަންދު އާއި ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން– ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ބ. ދަރަވަންދޫ އާއި މި އަތޮޅު ކެންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 72 މިލިއަން ރުފިޔާގެ މަޝްރޫއުއެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދުވި އެއްބަސްވުމުގެ ދަށުން ކެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބްރޭކްވޯޓާ އާއި، 90 މީޓަރުގެ ދެ ގްރޮއިން ހަދާނެ އެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާ އެކު 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރާނެ އެވެ. ޖުމްލަ 39.9 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ދީފައި ވަނީ އެއް އަހަރެވެ.

ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 22 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. އެ މަޝްރޫއުގެ ދަށުން، އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ 7 ބްރޭކްވޯޓާ ހަދައި، 96 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. އަދި އެރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނިގޮތުގައި މިއީ މި ތިން ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.