ތައުލީމީ ދާއިރާގެ ތަރައްގީ އަށް 10 މިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއެއް

ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއު އެޑިއުކޭޝަން މިނިސްޓަރު ފައްޓަވާދެއްވަނީ-- ހަވީރު ފޮޓޯ ނަސްރުﷲ ސޯލިހު
ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއު އެޑިއުކޭޝަން މިނިސްޓަރު ފައްޓަވާދެއްވަނީ– ހަވީރު ފޮޓޯ ނަސްރުﷲ ސޯލިހު

 

ތައުލީމީ ދާއިރާ އަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށް އެ ދާއިރާ ތަރައްގީކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން 10 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފަށައިފި އެވެ.

ފަސް އަހަރު ދުވަހަށް ކުރިއަށް ގެންދާ މަޝްރޫއު ފެށުމަށް ވޯލްޑް ބޭންކުން ވަނީ ރާއްޖެ އަށް 10 މިލިޔަން ޑޮލަރު (154 މިލިޔަން ރުފިޔާ)ގެ ހިލޭ އެހީއެއް ދީފަ އެވެ.

މަޝްރޫއު ފަށަން ނަލަހިޔާ ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވީ މިއީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލި މަޝްރޫއެއް ނަމަވެސް ތައުލީމީ ދާއިރާ އަށް ކޮންމެހެން ބޭނުންވާ މަސައްކަތްތަކަށް އިސްކަން ދޭނެ ކަމަށެވެ. އެގޮތުން ސްކޫލުތަކުގެ ޖާގަ އިތުރުކުރުމާއި ސާނަވީ އަދި މަތީ ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމާއި ސްކޫލުތަކުގެ އުމްރާނީ ތަރައްގީ އާއި ފެންވަރު މަތިކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއު އިތުރަށް ފުޅާކުރުމަށް އެޑިއުކޭޝަނުން ވަނީ މިނިސްޓްރީގެ ބަޖެޓުން އެއް މިލިޔަން ޑޮލަރު ހަރަދު ކުރުމަށް ނިންމާފަ އެވެ.

އާސިމް ވިދާޅުވި ގޮތުގައި “އެންހޭންސިން އެޑިއުކޭޝަން ޑިވެލޮޕްމެންޓް” މަޝްރޫއުގެ ދަށުން ރާއްޖޭގެ 13 ސްކޫލެއްގެ ޖާގަ އިތުރުކޮށް، ފަރުނީޗަރު ހޯދައި 34 ސްކޫލެއްގެ ކޮމްޕިއުޓަރު ލެބް ހަދައި 20 ސްކޫލެއްގެ ސައިންސް ލެބޯޓަރީ އަށް ބޭނުންވާ ތަކެތި ހޯދާނެ އެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް މަތީ ތައުލީމާ ބެހޭ މާސްޓާ ޕްލޭނަކާއި ރޯޑް މެޕެއް ވެސް މަޝްރޫއުގެ ދަށުން އެކުލަވާލައި، އަމިއްލަ ފަރާތްތަކާ ސަރުކާރާ ގުޅިގެން ތައުލީމު ދިނުން ފުޅާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުދި ސްކޫލުތަކުގައި މަލްޓި ގްރޭޑް ޓީޗިން ވެސް ތައާރަފްކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“މީހުން މަދު ބައެއް ރަށްރަށުގައި ހުންނަ ސްކޫލުތަކުގައި ކްލާހެއްގައި އެބަ ހައެއްކަ ކުދިންނަށް ވެސް ކިޔަވައިދޭން ޖެހޭ. އެހެންވެ އަޅުގަނޑުމެން ވިސްނާފައިވަނީ ކީ ސްޓޭޖްތަކަކަށް ބަހާލައިގެން ބައެއް ގްރޭޑްތަކުގެ ކުދިން އެއްކޮށް ކިޔަވައިދިނުމަށް. އޭގެ ސަބަބުން ޓީޗަރުންނާއި ކިޔެވުމަށް ކުރަން ޖެހޭ ހަރަދު ކުޑަވެގެން ދާނެ،” މިނިސްޓަރު ވިދާޅުވި އެވެ. – ހަވީރު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.