ޗައިނާގެ މެޑިކަލް ބޯޓުގެ ޑޮކްޓަރުންގެ ޓީމު އޭދަފުއްޓަށް

ޗައިނާގެ މެޑިކަލް ޝިޕް "ޕީސް އާކް": މި ބޯޓު މި އަންނަ ހަފުތާ ރާއްޖެ އަންނާނެ ކަމަށް އެމްއެންޑީއެފުން ބުނޭ-- ފޮޓޯ/އެމްއެންޑީއެފް
ޗައިނާގެ މެޑިކަލް ޝިޕް “ޕީސް އާކް”: މި ބޯޓު މި އަންނަ ހަފުތާ ރާއްޖެ އަންނާނެ ކަމަށް އެމްއެންޑީއެފުން ބުނޭ– ފޮޓޯ/އެމްއެންޑީއެފް

 މި މަހުގެ ފަހުކޮޅު ރާއްޖެ އަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ޗައިނާގެ ހޮސްޕިޓަލްޝިޕް “ޕީސް އާކު”ގެ ޑޮކްޓަރުންގެ ޓީމު ބ. އޭދަފުށީގައިވެސް ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އިއްޔެ ކޯސްޓް ގާޑު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމެއްގައި އެމްއެންޑީއެފް މެޑިކަލް ސާވިސަސްގެ ކޮމާންޑިންގް އޮފިސާ ލެފްޓިނެންޓް ކާނަލް ޑރ. އަލީ ޝާހިދު ވިދާޅުވީ ބޯޓު ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި މާލޭގެ އިތުރުން އަށް ސަރަހައްދެއްގައި ބޯޓުގެ ޑޮކްޓަރުންގެ ޓީމުތަކުން ހަރަކާތްތެރިވާނެ ކަމަށެވެ.

އެގޮތުން އޭދަފުށީގެ އިތުރުން ކ. ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު، ގއ. ވިލިގިލި އަދި އައްޑޫ ސިޓީގައިވެސް ޑޮކްޓަރުންގެ ޓީމު ހަރަކާތްރިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ ޗައިނާގެ ހޮސްޕިޓަލްޝިޕްގެ ސުޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުތައް އެކި ދުވަސް ދުވަހު ޒިޔާރަތްކުރާނީ އެކި ރަށްރަށަށް ކަމަށާއި ޒިޔާރަތްކުރާ ތާރީހުތަކުގައި އެޕޮއިންޓަމަންޓް ހޯދުމަށް އެރަށް ރަށުގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުތަކަށް ގުޅައިގެން މިހާރުން ފެށިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ. މިބޯޓުގެ ޑޮކްޓަރުންގެ ޓީމު އޭދަފުށީގައި ހަރަކާތްތެރިވާއިރު ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވަން ޖެހޭނީ އަތޮޅުހޮސްޕިޓަލުގެ 6608309 ނަންބަރާ ފޯނާ އެވެ.

އެމްއެންޑީއެފްއިން ބުނީ މިބޯޓުގެ ޑޮކްޓަރުންގެ ޓީމުން ކުރާ ޒިޔާރަތުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ބޭސް ވެސް ހިލޭ ފޯރުކޮށްދެވޭނެ ކަމަށެވެ.

ޗައިނާގެ “ޕީސް އާކު” ރާއްޖެ އަށް މިކުރާ ދަތުރަކީ އެބޯޓުން ހިންގަމުންދާ “މިޝަން ހާމަނީ 2013″ގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ދަތުރެކެވެ. މިދަތުރުގައި ބޯޓު އެންމެ ފުރަތަމަ އޮޕަރޭޝަނެއް ހިންގާފައި ވަނީ ބުރޫނާއީގަ އެވެ. ރާއްޖޭގެ އޮޕަރޭޝަން ނިންމާލުމަށް ފަހު ބޯޓު ބަންގުލަދޭޝް، ޕާކިސްތާނު އަދި އިންޑިއާއަށް ވެސް ޒިޔާރަތްކުރާނެ ކަމަށް ޗައިނާ އެމްބަސީއިން މައުލޫމާތު ދެ އެވެ.

ޗައިނާ ބޯޓުގެ އޯޕީޑީން ދުވާލަކު 400 އަށް ވުރެ ގިނަ މީހުން ބެލެ އެވެ. އަދި އަށް އޮޕަރޭޝަން ތިއޭޓަރު ހުންނަ ބޯޓުގައި ދުވާލަކު 40 އޮޕަރޭޝަން ކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގެ އިތުރުން އައިސީޔޫގެ ދެ ވޯޑަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ލެބޯޓަރީތައް ވެސް ހިމެނޭ ޗައިނާ ބޯޓުގައި އެކްސް ރޭ އާއި ސީޓީ ސްކޭން ފަދަ ގިނަ ހިދުމަތްތަކެއް ލިބެން ހުރެ އެވެ.

މިމަހުގެ 29 ވަނަ ދުވަހު ޗައިނާގެ ހޮސްޕިޓަލްޝިޕް “ޕީސް އާކު” ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، މިދަތުރު ނިންމާލާނީ މިއަންނަ ޖުލައި މަހުގެ5 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.