އޭލެވެލްގައި ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރުންނަށް ލެޕްޓޮޕް ދެނީ

“ޖިނާހް ލެޕްޓޮޕް ސްކީމް”ގެ ނަމުގައި ޕާކިސްތާނުން ރާއްޖޭގެ ސްކޫލުތަކަށް މިއަދު ހަދިޔާކުރި ލެޕްޓޮޕްތައް ދޭނީ އަތޮޅު ތެރޭގެ ސްކޫލުތަކުގެ ތެރެއިން، އޭ ލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ސްކޫލުތަކުގެ ދަރިވަރުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރު ވެސް މި ސްކީމުގެ ދަށުން ޕާކިސްތާން އެމްބަސީން ރާއްޖެ އަށް 15 ލެޕްޓޮޕް ހަދިޔާ ކުރި އެވެ. އެ ލެޕްޓޮޕްތައް ދީފައި ވަނީ މާލޭގައި ސަރުކާރުން ހިންގާ 14 ސްކޫލަށާއި އައްޑޫ ހައި ސްކޫލަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕާކިސްތާނުގެ އެމްބަސީގެ ފަރާތުން ލެޕްޓޮޕްތައް ހަދިޔާ ކުރެއްވީ، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވަސީމް އަކްރަމެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލެޕްޓޮޕްތަކާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

 

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވި ގޮތުގައި މިއަހަރު ހަދިޔާކުރި 30 ލެޕްޓޮޕް އަމާޒުކުރެވިފައި ވަނީ އަތޮޅުތެރޭގައިވާ މަތީ ސާނަވީއަށް ކިޔަވާދޭ ސަރުކާރުގެ ސްކޫލުތަކުން މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 30 ސްކޫލެއްގެ އެންމެ މޮޅު ދަރިވަރަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ލެޕްޓޮޕްތައް ހަދިޔާކުރާ ސްކޫލްތައް ހޮވާނީ، ތައުލީމީ ގޮތުން އެންމެ ފާހަގަކުރެވޭ ސްކޫލުތައް ބަލައިގެންނެވެ.

“އަޅުގަނޑުމެން މިއަހަރުގެ ލެޕްޓޮޕްތައް ހާއްސަ މި ކުރަނީ އަތޮޅުތެރޭގައިވާ މަތީ ސާނަވީއަށް ކިޔަވާދޭ ސަރުކާރުގެ ސްކޫލުތަކުން މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 30 ސްކޫލެއްގެ އެންމެ މޮޅު ދަރިވަރަށް” ނަޒީރު ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާގައި، އޭލެެވެލް އިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ލެޕްޓޮޕް ދޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ ޕާކިސްތާނުން ދަނީ ރާއްޖެއަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި ހާއްސަކޮށް ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޕާކިސްތާނުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.