ޑެންގީން ރައްކާތެރިވުމަށް އޭދަފުށި ސާފުކޮށްފި

ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަނީ. –ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލު އިސްވެ، އެހެން މުއައްސަސާތަކާ ގުޅިގެން، މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އިއްޔެ އޭދަފުށި ސާފުކޮށްފި އެވެ.

އަތޮޅު ހޮސްޕިޓަލުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުއްﷲ ވިދާޅުވީ، އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މި ހަރަކާތަކީ ޑެންގީ މިރަށުގައި އާއި މިއަތޮޅުގެ ރަށްރަށުގައި ޑެންގީ ހުން ފެތުރެމުންދާ ފަރާތްތައް އިތުރުވަމުންދާތީ، އެ ބަލި ޖައްސާ މަދިރި ކޮންޓްރޯލްކުރަން ހިންގި ހަރަކާތެއް ކަމަށެވެ.

އޭދަފުށިގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސާފުކުރިއިރު ބައެއް ސަރަހައްދުތަކުން 4 ޕިކަޕުގެ ކުނި ނެގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަނީ. –ފޮޓޯ: އަތޮޅު ހޮސްޕިޓަލް

މިދުވަސްވަރު މިއަތޮޅު ރަށްރަށުން ޑެންގީ އާއި ހުމުގެ ރޯގާގައި ބ. އަތޮޅު ހޮސްޕިޓަލަށް ދައްކައި ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ ވާރޭ ވެހި، އެކި ތަންތަނުގައި ހަރުލާފައި ހުންނަ ފެނުގައި ގިނައިން މަދިރި އާލާވާނެ ކަމަށާއި އެހެންވެ، މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަނީ. –ފޮޓޯ: އަތޮޅު ހޮސްޕިޓަލް

އަދި ބުނީ ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ދުރާލައި ފިޔަވަޅުތައް އެޅުމަށާއި މަދިރި މަދު ކުރުމަށް ފަރުދީ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރަން އިލްތިމާސް ކުރާ ކަމަށެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.