ދަރަވަންދޫން 60 ފޮޓޯގްރަފަރުން ތަމްރީން ކުރަނީ

ވަޒީފާއަށް ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އިން ހިންގާ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން ދަރަވަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ ކޯހުގައިބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ހިލޭ ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ ދަށުން ދަރަވަންދޫން 60 ފޮޓޯގްރާފަރުން ތަމްރީނުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ޓިވެޓް އޮތޯރިޓީއާ ގުޅިގެން މި ކޯސް ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ (ވައިޑީޕީ) އިން ބުނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ލެވެލް ތިނެއް ފުރިހަމަކުރުމަށްފަހު ލެވެލް ހަތަރެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޕްރޮގްރާމުގެ އަމަލީ ބައި ފުރިހަމަކުރަން އަދި މަސައްކަތުގައި ބޭނުންކުރަން، ފަހުން ފައިސާ ދައްކާގޮތަށް “ނިކޮން 3400″ގެ ކެމެރާއެއް ލިބޭނެ އެވެ. އެ ފައިސާ ދައްކަން ޖެހޭނީ ކޯސް ނިންމުމަށްފަހު އެއް އަހަރުގެ މުއްދަތަކަށް 8000 ރުފިޔާ ބަހާލައިގެންނެވެ. އެއީ މަހަކު 667 ރުފިޔާ އެވެ. މި ކޯހުގައި ބައިވެރިވުމަށް އެޑްމިޝަން ފީ އެއްގެ ގޮތުގައި 500ރފިޔާ ދައްކަންޖެހެއެވެ.

ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި ކޯސް ދަރަވަންދޫގައި ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ގަ އެވެ. ދަރަވަމްދޫގެ އިތުރުން ތ. ވޭމަނޑޫ އާއި އައްޑޫ އަދި ފުވައްމުލަކުގައި ވެސް މި ޕްރޮގްރާމު ކުރިއަށްގެންދަން ވަނީ އިއުލާންކޮށްފަ އެވެ.

މިއީ އެޑިއުކޭޝަން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމެވެ. މިހާތަނަށް ވައިޑީއެސް އިން ލ. އަތޮޅުގައި މި ކޯހުގެ 4 ބެޗެއް ވަނީ ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.