ފުރަތަމަ ބީޓެކް ހޮސްޕިޓާލިޓީ ލެބް ބ. އަތޮޅު މަދަރުސާގައި

ބ. އަތޮޅު މަދަރުސާޣައި ހުޅުވި ބީޓެކް ހޮސްޕިޓަލިޓީ ލެބް– ފޮޓޯ/އުފާ އޮފީސް

ހޮސްޕިޓަލިޓީ ދާއިރާއިން ޢަމަލީ ތަޖްރިބާ ހޯދައިދިނުމަށް ރާއްޖޭގެ ސްކޫލެއްގައި ޤާއިމުކުރި ބީޓެކް ހޮސްޕިޓަލިޓީގެ ފުރަތަމަ ލެބް ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގައި ހުޅުވައިފިއެވެ.

ބ. އަތޮޅު މަދަރުސާގައި ސްކޫލްގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލެބް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބީޓެކް ކޯޑިނޭޓަރު ޒޫޝާން ކަމާލުއްދީނާއި، މި ލެބް ހެދުމަށް ފައިސާގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ފދުސިތް ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރެއިނޯލްޑް ޖޮހާންއެވެ.

ބ. އަތޮޅު މަދަރުސާޣައި ހުޅުވި ބީޓެކް ހޮސްޕިޓަލިޓީ ލެބް– ފޮޓޯ/އުފާ އޮފީސް

ބީޓެކް ސްޓްރީމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ތަޢުލީމު ދިނުމުގެ ސިޔާސަތުގެ ދަށުން، ދަރިވަރުންނަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށްޓަކައި ތަޢާރަފު ކޮށްފައިވާ ޕްރޮގްރާމެކެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ 4 ވަނަ ސްޓްރީމްގެ ގޮތުގައި ބީޓެކް ސްޓްރީމް ތަޢާރަފު ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

ރާއްޖޭގެ ސްކޫލެއްގައި ޤާއިމްކުރި ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް ދަރަވަންދޫ ސްކޫލްގައި ހުޅުވާފައިވާއިރު މި ލެބް ހަދާފައިވަނީ ރިސޯޓް ތަކުގެ ޑިޕާޓްމަންޓްތައް ފެންނަ ފަދަ ގޮތަކަށް އެތަނުގައި ކްލާސްތައްވެސް ނަގައިދެވޭނެ ގޮތަކަށެވެ.

ބ. އަތޮޅު މަދަރުސާޣައި ހުޅުވި ބީޓެކް ހޮސްޕިޓަލިޓީ ލެބް– ފޮޓޯ/އުފާ އޮފީސް

ބ. އަތޮޅު މަދަރުސާއިން ބުނި ގޮތުގައި މި ލެބްގެ މަސައްކަތްކުރުމަށް ގާތްގަނޑަކަށް ދޮޅުލައްކަރުފިޔާ ޚަރަދުކޮށްފައިވާއިރު މިލެބް ޤާއިމް ކުރުމުގައި އެންމެ ބޮޑު އެހީއެއް ވެދެއްވާފައިވަނީ ދުސިތް ތާނީ މޯލްޑިވްސް އިންނެވެ. އެގޮތުން ފަސްހާސް ހަތްސަތޭކަ ޑޮލަރު ދެއްވައި އަދި އެތަނަށް ބޭނުންވާ ގިނަ ތަކެތި ފޯރުކޮށްދެއްވާފައިވާކަމަށް އެ ސްކޫލުން ބުނެއެވެ.

މީގެ އިތުރުން އެ ލެބަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމާއި އެއަރކޮންޑިޝަން އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދީފައިވާއިރު މިތަން ހެދުމުގެ އިތުރު އެހެނިހެން ޚަރަދުތައް ކޮށްފައިވަނީ ސްކޫލުގެ ޕީ.ޓީ.އޭއާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ.

މި ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބީޓެކް ކޯޑިނޭޓަރ ޒޫޝާން ކަމާލުއްދީން ވިދާޅުވީ މިޕްރޮޖެކްޓަކީ ރާއްޖޭގެ އެހެން ސްކޫލްތަކުންވެސް ނަމޫނާއަކަށް ބަލައިގަންނަން ޖެހޭފަދަ އަގުހުރި މަސައްކަތެއް ކަމަށެވެ.

ބ. އަތޮޅު މަދަރުސާޣައި ހުޅުވި ބީޓެކް ހޮސްޕިޓަލިޓީ ލެބް– ފޮޓޯ/އުފާ އޮފީސް

“ބީޓެކަކީ ކިޔެވުމަށް ދަށް ކުދިން ބައިވެރިވާ މާއްދާއެއް ކަމަށް ބައެއް ފަރާތްތަކުން ދެކެމުންއައި ދެކުން މިހާރު ބަދަލުވެފައިވާ ކަމަށާއި ބީޓެކް ދަރިވަރުން މިހާރު ހޯދަމުންދާ ކާމިޔާބީ މިކަމުގެ ހެއްކަކަށް ފުދޭ. މި ލެބްގެ ސަބަބުން ދަރިވަރުންގެ ކުރިއެރުމަށް އިތުރު ކުރިއެރުމެއް އަންނާނެ،” ޒޫޝާން ވިދާޅުވިއެވެ.

ބ. އަތޮޅު މަދަރުސާގެ ޕްރިންސްޕަލް މުޙައްމަދު ނާސިޙް ވިދާޅުވީ މި ލެބްގެ ޒަރިއްޔާއިން ރިސޯޓެއްގައި ޢާއްމުކޮށް ކުރާ ހުރިހާމަސައްކަތެއް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށެވެ.

“މި ލެބަކީ ބީޓެކް ކިޔާވާ ދަރިވަރުން ޢަމަލީ ތަޖްރިބާ ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމާގުޅިގެން އެކަމަށް ލުޔެއް ގެނައުމުގެ ގޮތުން ޤާއިމްކޮށްފައިވާ ލެބެއް، އަމިއްލަ ރަށުގައި ތިބެ ޢަމަލީ ތަޖްރިބާ ހޯދުމަށް ފަހިކޮށްދިން ފުރުޞަތެއް، ނާސިހް ވިދާޅުވި އެވެ.

ދަރަވަންދޫ ސްކޫލްގައި 170 ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާއިރު 13 ދަރިވަރުންނަކީ ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.