ވެޓަރަންސް ޓީމަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

އަމިއްލަ ފަރާތަކުން އޭދަފުށީ ވެޓަރަންސް ކްލަބަށް ކުޅިވަރު ސާމާނުތަކެއް ހަދިޔާ ކޮށްފިއެވެ.

މިއަދު ހަވީރު ސަލްސާ ރިޓްރީޓް ރެސްޓޯރަންޓްގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި އެތަކެތި ވެޓަރަންސް ޓީމާ ހަދިޔާކުރީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުއްސައްތާރު އަބްދުލްހަކީމު (އަސްތޭ) އެވެ. ވެޓަރަންސް ޓީމުގެ ފަރާތުން އެތަކެއްޗާ ހަވާލުވީ އެ ކްލަބުގެ ކުޅުންތެރިންނެވެ.

މިއަދު ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ފުޓްބޯޅަ އާއި ރޮނގު ބަލަހައްޓާ ދިދަ އާއި ގޯލާއި ދާގަނޑުފަދަ ތަކެތި ހިމެނެ އެވެ. މީގެ އިތުރުން ކަސްރަތަށް ބޭނުންވާ ހަރުގަނޑާއި ބޯޅަ އަޅާ ބޭގް އަދި ފަސްޓްއެއިޑް ބޭގް ހިމެނެ އެވެ.

މި ތަކެއްޗާ ހަވާލުވުމަށްފަހު ވާހަކަދައްކަމުން ވެޓަރަންސް ކްލަބުގެ މެނޭޖަރު އަހްމަދު ނާސިރު ބުނީ ރަށުން ބޭރު މީހަކު ވެޓަރަންސް ކްލަބަށް ވެދެއްވި އެހީ އުފަލާއެކު ބަލައިގަންނަ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި މީގެ ކުރިންވެސް ހަސްތޭގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީ އެކަމަށް ނާސިރު ޝުކުރު އަދާކުރި އެވެ.

“ކުރިއަށް އޮތް މެޗަށް ތައްރާރުވުމަށް ފްރެންޑްމީ އަދި އޮޒޯކް ފިހާރައިން ވެސް ވަނީ އެހީތެރިކަން ލިބިފައި. އުއްމީދު ކުރަނީ އިތުރު ފަރާތްތަކުގެ އެހީތައް ކުރިއަށް އޮތް ތަނުގައިވެސް ލިބޭނެ ކަމަށް،”

ތަކެތި ހަދިޔާކުރި އަސްތޭ ބުނީ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެންމެން އެކުގައި ވެޓަރަންސް ކަލްބުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ހަދިޔާކުރި ތަކެތި ކަމަށެވެ.

އޭދަފުށީ ވެޓަރަންސް ޓީމު އެކުލަވާލާފައިވަނީ އަށްޑިހައިގެ ފަހުކޮޅު އެއްވަނަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކުޅުނު މުހިއްމު ކުޅުންތެރިން ހިމަނައިގެންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު ޢަބްދުލް ވާހިދު ޙުސައިން އެވެ. މީގެ އިތުރުން އޭރު އޭދަފުށީ ޓީމުގެ ފޯވާޑް ލައިންގައި މޮޅު ކުޅުމެއް ދެއްކި އަޙްމަދު ރިޟާ އާއި 15 އަހަރު އެއްވަނަ ޑިވިޝަނުގައި ކުޅެފައިވާ އިބްރާހީމް ފައުޒީ ހިމެނެ އެވެ.

ވެޓަރަންސް ޓީމުން ވަނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެފަ އެވެ. އެ ޓީމުން މިހާރު ވެސް ދަނީ އެކުވެރިކަމުގެ ބޮޑު މެޗަކަށް ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.