ގައުމީ ބެޑްމިންޓަން މުބާރާތުގައި އޭދަފުށި މިއަދު ވާދަކުރަނީ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި އޭދަފުށީ މިއަދު ވާދަކުރާނެ އެވެ.

މުބާރާތުގެ އަތޮޅު ލީގުގެ އިތުރުން ދެވަނަ ޑިވިޝަންގައި ވެސް އެ ޓީމު މިއަހަރު ވާދަކުރާނެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 5:30 ގައި އެ ޓީމު ނުކުންނާނީ ދެވަނަ ޑިވިޝަންގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކްލަބް ސްޓެޓިކު އާ ދެކޮޅަށެވެ. އަތޮޅު ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ 20:15 ގައި ބައްދަލުކުރާނީ އަލް ހަދީދު އާ އެވެ.

މި މުބާރާތުގައި މިއަހަރު އޭދަފުށީ ބެޑްމިންޓަން ޓީމު ވާދަކުރާނީ ކްލަބް އޭދަފުށީ ނަމުގަ އެވެ. ޓީމުގެ މެނޭޖަރަކީ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން އަންނަ އިބްރާހިމް އާމިރު (ސަލްސާ އާމިރު)އެވެ.

މުބާރާތް ކުރިއަށްދާނީ ކުޅިވަރު އެކުވެނީ އިންޑޯ ބެޑްމިންޓަން ކޯޓްގައެވެ. ކްލަބް އޭދަފުށިން ބުނީ މެޗުތައް ކުޅޭ ވަގުތުތަކުގައި ސަޕޯޓަރުންގެ މުހިންމުކަން އޭދަފުއްޓަށް ވަރަށް މުހިންމު ކަމަށާއި އެދުމަކީ ހަމަ ވީހާ ވެސް ގިނަ ބަޔަކު އައިސް ޓީމަށް ސަޕޯޓްކުރުން ކަމަށެވެ.

އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނިގޮތުގައި އެ ޓީމުގެ އަމާޒަކީ މިއަހަރުވެސް ތަށި ރަށަށް ގެނައުމެވެ. އެ ޓީމުންވަނީ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 4 ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ޖެހިޖެހިގެން 3 އަހަރު މުބާރާތް ކާމިޔާބުކޮށް ތަށި މިލްކް ވެސް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.