ޕްރައިމަރީއަކާ ނުލައި ސަލީމަށް ޕީޕީއެމްގެ ޓިކެޓު ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ރޭ އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމް އާއި ސަލާމް ކުރައްވަނީ.—ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަންނަ މާޗުމަހު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ޓިކެޓު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ދީފިއެވެ. ސަލީމުއާއެކު އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ 24 މެމްބަރުނަށް ޕްރައިމަރީ އަކާ ނުލައި އެ ޕާޓީގެ ޓިކެޓު ވަނީ ދީފައެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މެންބަރުންނަށް ޓިކެޓް ދީފައިވާކަން އިއުލާންކުރެއްވީ އެ ޕާޓީގެ ރައީސް، އަބްދުﷲ ޔާމީނެވެ.

އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމު ވާދަ ކުރައްވަނީ މިހާރު ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ އޭދަފުށީ ދާއިރާއަށެވެ.

2009 ވަނަ އަހަރުން ފެށިގެން ސަލީމު އަންނަނީ އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުންނެވެ. ފުރަތަމަ ދައުރުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން ގޮނޑި ކާމިޔާބުކުރެއްވިއިރު މިދިޔަ ދައުރުގައި ވެސް އޭނާ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.

ސަލީމު ކުރިން ވިދާޅުވީ އޭނާ ތިންވަނަ ދައުރަކަށް މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ މި ދާއިރާގައި ދެމި ހުންނެވުމަކީ ދާއިރާގެ ގިނަ ބައެއްގެ އެދުމަކަށްވާތީ ކަމަށެވެ. އަދި އުފަންރަށް ހިމެނޭ ދާއިރާއަށް ޚިދުމަތް ކުރުމަކީ ލިބިވަޑައިގަންނަވާ ޚާއްސަ އުފަލެއް ކަމަށާއި މިދާއިރާގެ ރައްޔިތުން ވޭތުވެދިޔަ ދެ ދައުރުގައި ވެސް އޭނާ އިންތިޚާބު ކޮށްފައިވަނީ ދާއިރާ އަށް އެކަށީގެންވާ ޚިދުމަތް ކޮށްދެވިފައިވާތީ ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް އޭދަފުށި ދާއިރާއަށް ކުރިމަތިލުމަށް ނިންމަވާފައިވާ، މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު އާއި ލޮޓަސް ބައިކް ޝޮޕްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) ވެސް މިދާއިރާއަށް ކުރިމަތިލައްވަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ވެސް ބައެއް އަމިއްލަ ފަރާތަކުންވެސް އޭދަފުށީ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.