
މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ދެ އިވެންޓަކުން އޭދަފުށީ ދެ ކުޅުންތެރިއަކު ރަން މެޑަލް ހޯދައިފި އެވެ. މިއީ ގައުމީ ބެޑްމިންޓަން މުބާރާތުން އޭދަފުއްޓަށް ލިބުނު ބޮޑު ކާމިޔާބެކެވެ.
އޭދަފުއްޓަށް ރަން މެޑަލް ހޯދައިދިނީ ފިރިހެން ސިންގަލްސް އިވެންޓުން އަބްދުލް މަތީން އަހްމަދު އާއި ފިރިހެން ޑަބަލްސް އިވެންޓުން މަތީން އާއި ހުސައިން މުހައްމަދުގެ ޕެއާ އިންނެވެ.
މަތީން ސިންގަލްސް ޗެމްޕިއަންކަން ހޯދީ، މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ހުސައިން މުހައްމަދު ބަލިކުރުމަށްފަހު އެވެ.

އަތޮޅު ލީގު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލުގެ އޭދަފުށިގެ ހުސައިން ބަލިކުރުމަށްފަހު ހޮޅުދޫގެ މުހައްމަދު ރަވީ އެވެ. ހުސައިން ވަނީ މީގެ ކުރިން ދެ އަހަރަކު އަތޮޅު ލީގު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ބެޑްމިންޓަން މުބާރާތުގައި ޓީމު އިވެންޓުގެ އިތުރުން އޭދަފުށިން ވަނީ އަތޮޅު ލީގު އަދި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ރޭގެ ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ބައެއް ވެރިންނެވެ.