އަހަރުގެ އެންމެ މޮޅު ގޯލުގެ އެވޯޑް ހަމްޕު އަށް

ނިއުގެ ހަމްޕު (ވ) އަތުން ބޯޅަ ހޯދަން ވިކްޓަރީގެ ޝިހުބާން މަސައްކަތްކުރަނީ. –ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލަށްދޭ ޖޫލޭ އެވޯޑް ބ. އޭދަފުއްޓަށް އުފަން ހަމްޒާ މުހައްމަދު (ހަމްޕް) އަށް ލިބިއްޖެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރު ގެނެސްދޭ ވެބްސައިޓް މޯލްޑިވްސްފުޓްބޯލް ގުޅިގެންދޭ ޖޫލީ އެވޯޑް ހަމްޕު އަށް ލިބިފައިވަނީ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ފ. ނިލަންދޫ ކޮޅަށް ޖެހި ގޯލަށެވެ. އެ މެޗުގައި ހަމްޕު އެ ގޯލް ޖެހީ ހާފުގެ މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް ނިލަންދޫ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އެވެ.

މި ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު ހަމްޕު މިވަގުތު ރާއްޖޭގައި ނެތުމުގެ ސަބަބުން، އޭނާގެ ފަރާތުން އެ އެވޯޑާއި ހަވާލުވީ އެ ޓީމުގެ މުހައްމަދު އުމެއިރު އެވެ.

އެވޯޑް ލިބުމުން ހަމްޕު ވަނީ އޭނާގެ ގޯލަށް ވޯޓްދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކޮށްފައެވެ. އަދި އަންނަ ސީޒަނުގައި މިއަށްވުރެ ވެސް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ހަމްޕު ބުންޏެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ މި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބުނީ އަލީ އަޝްފާގު (ދަނގަޑޭ) އަށެވެ. މިއަހަރުގެ ފުޓުބޯޅަ ސީޒަންގައި 42 ގޯލް ޖެހި ދަގަނޑޭ ވަނީ ސީޒަންގެ ރަން ބޫޓު ވެސް ހޯދައިފަ އެވެ. ދަގަނޑޭ ވަނީ ރާއްޖޭގެ އެންމެ  މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު އަދަދަކަށް ހޯދައިފަ އެވެ.

ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ދަގަނޑޭ ހޮވުނު އިރު، އަންހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ފަދުވާ ޒާހިރެވެ. އެންމެ އުންމީދު އަންހެން ކުޅުންތެރިއަކަށް ހޮވުނީ އައިޝަތު ފިރުޝާ އެވެ.

ރާއްޖޭގެ އެންމެ އުންމީދީ ފިރިހެން ކުޅުންތެރިއަކަށް ށ. ފޯކައިދުއަށް ޕްރިމިއާ ލީގުގައި ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ، މުހައްމަދު ޖައިލަމް (އޮގީ) ހޮވުނު އިރު، ރާއްޖޭގެ ލީގުގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯނެލިއަސް ސްޓެވާޓެވެ.

އެންމެ މޮޅު ގޯލްކީޕަރަކަށް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުގެ ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ޓީސީގެ ފުރަތަމަ ތަށި ހޯދައިދީ، ލީގު ހޯދި ކްލަބުތަކުގެ ލިސްޓަށް އެޓީމު ގެނެސްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.