
ބ. އޭދަފުށީ ދޭދަރުގޭ ޔޫސުފް މޫސާ (ޔޫސޭ) ވެސް އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
ޔޫސޭ ވިދާޅުވީ އޭދަފުށި، މާޅޮސް އަދި ހިތާދޫ ހިމެނޭ ދާއިރާއަށް މިދާއިރާ މަޖްލިސް ގައި ތަމްސީލު ކުރަން ނިންމެވީ ދާއިރާގެ ރައްޔިތުންގެ ހާލު އެނގިވަޑައިގެން ރައްޔިތުންގެ ހާލަތު ބަދަލު ކުރެވޭނެ ވަރުގެ ސިޔާސަތު ތަކެއް މަޖްލިސް އަށް ވެއްދުމުގެ ބޭނުމުގައި ކަމަށެވެ
ގިނަ ދުވަސް ތަކެއް ވަންދެން މަތީ ފަންތީގެ ރިސޯޓް ތަކުގަ މަސައްކަތް ކުރައްވާފައިވާ ޔޫސޭ ވިދާޅުވީ ޔުނިވާސަލް ބޭސިކް އިންކަމް ނުވަތަ އަސާސީ އުޖޫރައެއް ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެއްދެވުމަށް މަޖްލިސް ގެ ތަޅުމަށް ބިލެއް އެންމެ ފުރަތަމަ ދައުރުގައިވެސް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިފަދަ އިނާޔަތެއް ކޮންމެ ރައްޔިތަކަށް ވެސް ލިބުން ހައްގު ކަމަށާއި މިފަދަ އިނާޔަތެއް ލިބުމުން ރަށް ތަކުގެ އިގްތިސޯދު އަންދާސާ ނުކުރެވޭ ވަރަށް ބޮޑަށް މައްޗަށް އަރައިގެން ދާނެ ކަމަށް ވެސް ޔޫސޭ ވިދާޅުވި އެވެ.
“ކޮންމެ ބޮލަކަށް 2220ރުފިޔާ މަހަކު ލިބޭނެ، މިފައިސާ ސަރުކާރުން މިހާރު ނަގަން ނިންމާފައިވާ އިންކަމް ޓެކްސް ގެ ނިޒާމް ތެރެއިން ހޯދޭނެ،” ޔޫސޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގަ ޔުނިވާސަލް ބޭސިކް އިންކަމް ތައާރަފް ކުރަން މަސައްކަތް ކުރާ ޔޫބީއައި މޯލްޑިވްސް ubimaldives# މޫވްމެންޓަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި އެ ޖަމިއްޔާގެ މަސައްކަތަކީ އިތުބާރު ހިފެވޭ އިލްމީ މަސައްކަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެޗްޕީއެލް ކަނޑޫމާ ރިސޯޓުގެ ލޯންޗް ސެކްޝަން އަދި ލަކްސް މޯލްޑިވްސްގެ އެކްޓިންގ އެޗްއާރު މެނޭޖަރު ކަންވެސް ކުރިން ކުރައްވާފައިވާ ޔޫސޭ ވިދާޅުވީ އޭނާ މަޖިލީހަށް އިންތިހާބުވެއްޖެނަމަ ރިސޯޓް ތަކާއި އެހެނިހެން ވެސް ދާއިރާ ތަކުން ދިވެހިންނަށް ވަޒީފާ ދޭ ނިސްބަތް 90% ބަދަލު ކުރަން މަޖްލިސް ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސްކޫލް ކުދިންގެ ފޮތް ދަބަސް ލުއި ކުރުމުގެ ގޮތުންނާއި ޓެކްނޯލޮޖީ އަށް އަހުލުވެރި ކުރުމުގެ ގޮތުން ރައީސް ޔާމީން ދައުރުގަ ބެއްސެވި ޓެބްލެޓް ބޭނުން ކުރުމަށް ބާރު އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
“ރައްޔިތުން ބޭނުންވަނީ މަހުޖަނުންގެ ނުފޫޒުން ރައްޔިތުންގެ މަޖިލީސް ސަލާމަތް ކުރުމަށާއި ބޭނުންވަނީ ފަރުދީ ތަރައްގީ އާއި އިނާޔަތް،” ޔޫސޭ ވިދާޅުވި އެވެ.
ޔޫސޭ އޭދަފުށީ ދާއިރާއަށް ވާދަކުރަން ނިންމާފައިވާއިރު މިހާރުވެސް މި ދާއިރާގެ މަޖިލިސް މެމްބަރުކަން ފުރުއްވަމުންގެންދަވާ ވިޔަފާރިވެރިޔާ އަހުމަދު ސަލީމާއި ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރާއި ލޮޓަސްގެ ވެރިޔާ މުހައްމަދު އާރިފް (އާއްޓެ)ގެ އިތުރުން ހިތާދޫ ޔޫސުފް ގާސިމު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުން ތެރިޔާ މަޖިއްޓޭ ވެސް ވަނީ އޭދަފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފަ އެވެ. އެހެންވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އަޅުގަނޑު މިއީ ރާއްޖޭގެ ދެކުނަށް ނިސްބަތްވާ މީހެއް. އެނެނަސް ޔޫސޭ ވަރަށް ރަނގަޅަށް ދަންނަމު. ތިއީ ހަމަ ޔަގީނުންވެސް މިފަހަރު އޭދަފުށްޓަށް ހޮވަން ގާބިލު ތަންދޮރު އޮޅުންފިލާފަހުރި ބޭފުޅެއް. ކެރޭ ހީވާގި ރައްޔިތުން ގެ ހައްގުގަ ވަކާލާތު ކުރެވޭނެ ފަދަ ބޭފުޅެއް. ރެޑްވޭވް ދޫކޮށް ރަށުގެ ތަރައްގީ އަށް މިފަހަރު އާ ކުލައެއްގެ ވޭވެއް ހޮވުން މުހިންމު ދަނޑިވަޅުގަ ތި ލިބުނު ފުރުސަތު ރަށުގެ ރައްޔިތުން ބަލައިގަންނާނެކަމަށް އުއްމީދު ކުރަން.