އޭދަފުއްޓާ އެކު ޗެމްޕިއަން ގްރީން އަދި އީގަލްސް ވެސް އެއް ގްރޫޕަކަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އަންނަ މަހުގެ ތިން ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށި އުނދަގޫ ގްރޫޕެއްގައި ލައްވާލައިފިއެވެ.

އެފްއޭއެމްގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓް ނުހިމަނައި މިއަދު ކުރިއަށްދިޔަ ގުރު ނެގުމުގެ ރަސްމިއްޔާތުގައި އޭދަފުށި ލައްވާލީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ކްލަބް ގްރީން ސްޓްރީޓްސް އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކްލަބް އީގަލްސް އާއި އަދި ކުރިން މި މުބާރާތް ކާމިޔާބު ކޮށްފައިވާ މާޒިޔާއާއެކު ގްރޫޕް ބީ ގައެވެ. ގްރޫޕް އޭ ގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބާއި، ށ. ފޯކައިދޫ، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އެވެ.

މިއަހަރުގެ މުބާރަތް އަންނަ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތް ގުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެމެޗު ފަށާނީ އެރޭ ނުވައެއް ޖަހާއިރު އެވެ. އޭދަފުށި ވަނީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ގައިވެސް ކުޅެފައެވެ. އޭދަފުށީ ޔޫތު ޓީމުން ފާހަގަ ކުރެވުނު ބައެއް ކުޅުންތެރިންދަނީ މިހާރު އެއް ވަނަ ޑިވިޝަނުގެ ބައެއް ކްލަބްތަކަށްވެސް ކުޅެމުންނެވެ.

މިއަހަރުގެ މުބާރާތުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން ފުޓްބޯޅަ ސަޕޯޓަރުން ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެފްއޭއެމް އިން ހިންގާ ހުރިހާ ހަރަކާތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 10 ކުޅުންތެރިއަކަށް ދޭންޖެހޭ ޖުމްލަ 3.8 މިލިއަން ދިވެހި ރުފިޔާއަށްވާ މުސާރައާއި އުޖޫރަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދައްކާފައިނުވާތީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމިޓީއަށް ލިބިފައިވާ ބާރުގެ ދަށުންކަމަށް އެ އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ރައްދުގައި ނިއުއިން ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމް އިން އެ ކްލަބާމެދު އެޅީ ޒާތީ ފިޔަވަޅެއް ކަމަށާއި، ނިންމުން ބަލައިނުގަނެ ފުޓްބޯޅައިގެ ކަންކަމުގައި އެ ކްލަބުން ކުރިއަށް ދާނެކަމަށެވެ.

ޒުވާން ކުޅުންތެރިން އުފެއްދުމަށް 2011 ވަނަ އަހަރުން ފެށި މި މުބާރާތަކީ އެފްއޭއެމް އިން ކުރިއަށްގެންދާ ކާމިޔާބު މުބާރާތެކެވެ. ވޭތުވެދިޔަ އަށް އަހަރުތެރޭ މި މުބާރާތް ބާއްވާފައިނުވަނީ 2015 ވަނަ އަހަރު އެވެ. އެފްއޭއެމް އިން މިހާރު ވަނީ ކޮންމެ ދެ އަހަރަކުން މި މުބާރާތް 21 އަހަރުން ދަށަށް ބާއްވާގޮތަށް ނިންމައިފައެވެ. މިދިޔަ އަހަރު މި މުބާރާތް 19 އަހަރުން ދަށަށް ހާއްސަކުރިއިރު މި އަހަރުގެ މުބާރާތުގައި ކުޅޭނީ 21 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.