އޭދަފުށީގެ ފުރަތަމަ މެޗު މިރޭ، ޓީމަށް ބޭނުންވަނީ ސަޕޯޓް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކްލަބް އޭދަފުށި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނާނެއެވެ. އީގަލްސް އާއެކު އޭދަފުށި ހިމެނޭ ގްރޫޕްގައި ދެން ލައްވާލީ މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޔުނައިޓެޑް ވިކްޓްރީ އެވެ.

މިރޭގެ މެޗުގެ ކުރިން “އީޓީ” އަށް ދެއްވި އިންޓަވިއުއެއްގައި ކްލަބް އޭދަފުށީގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އޭދަފުށީ ޒުވާން ޓީމަށް ތަރުހީބު ދިނުމަށް މާލޭގައި ތިބި ޓީމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުންވެސް މިރޭ ގަލޮޅު ދަނޑަށް ދިއުމަކީ ޓީމުގެ ވަރަށްބޮޑު އެދުމެއްކަމަށެވެ.

އެންމެ ފަހުން ގަލޮޅު ދަނޑުގައި އޭދަފުށީގެ ޓީމެއް ކުޅެފައިވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައެވެ. ތ. ތިމަރަފުށި ބަލިކޮށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދި އެ މެޗުގައި އޭދަފުށީގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ މެޗު ނިމެންދެން ޓީމަށް ތަރުހީބު ދީފައެވެ. ޒުވާން ޓީމުންވެސް އެދެނީ އެރެއެކޭ އެއްގޮތަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަދެ މިރޭގެ މެޗުގައި ޓީމަށް ތަރުހީބު ދިނުމަށެވެ.

އޭދަފުށި ވަނީ މީގެ ކުރިން 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ގައިވެސް ކުޅެފައެވެ. އޭރު ޔޫތު ޓީމަށް ކުޅުނު ބައެއް ކުޅުންތެރިން މިހާރު ދަނީ އެއް ވަނަ ޑިވިޝަނުގެ ކްލަބްތަކަށް ވެސް ކުޅެމުންނެވެ.

މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނީ ގްރޫޕް އޭ ގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ވަނީ ށ. ފޯކައިދޫ އާއި ވާދަކޮށް 3-2 އިން މޮޅުވެފައެވެ. ރޭ ކުޅުނު އެ ގްރޫޕްގެ ދެ ވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

އޭދަފުއްޓާއި އީގަލްސް ބައްދަލުކުރާ މެޗު މިރޭ 8:30 ގައި ފަށާއިރު ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.