އޭދަފުށިން މާޒިޔާ ބަލިކޮށް ގްރޫޕްގެ ފޯރިގަދަ ކޮށްލައިފި

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު 1-0 އިން މާޒިޔާ ބަލިކޮށް އޭދަފުށި މެޗު ކާމިޔާބުކުރުމުން އެ ގްރޫޕުގެ ފަހު މެޗުތަކުގެ ފޯރިގަދަވެއްޖެ އެވެ.

މި މެޗަށް ނުކުތްއިރު އޭދަފުށި ވަނީ ކުޅުނު ފުރަތަމަ ދެމެޗުންވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން 3-1 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވީ 4-1 އިންނެވެ. މުބާރާތުގައި ކުރިއަށް ދިއުމަށް މިއަދުގެ މެޗުން މޮޅުވުން މަޖުބޫރު އޭދަފުށިން ވަނީ މި މޮޅާއެކު ސެމީއަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ. މިއަދުގެ މެޗު ކާމިޔާބުކޮށްގެން ސެމީގެ ފުރުސަތު ބޮޑު ކުރެވެން އޮތް މާޒިޔާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެ ވަނަ މެޗުން ބަލިވެފައެވެ.

މިއަދުގެ މެޗުން އޭދަފުށި މޮޅުވުމުން މި ގްރޫޕުގެ ކޮންމެ ޓީމަކަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ސެމީ އަށް ދިއުމުގެ ފުރުސަތު ފަސް ޓީމަށްވެސް އޮތްއިރު ގޯލުގެ ތަފާތުން އެއް ވަނައިގައި އޮތީ ގްރީން ސްޓްރީޓްސް އެވެ. ދެ ވަނަ ކްލަބް އީގަލްސް އަށް ލިބޭއިރު ތިން ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީ އެވެ. ހަތަރު ވަނައިގައި މާޒިޔާ އޮތްއިރު ފުލުގައި އޮތީ އޭދަފުއްޓެވެ.

މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި އޭދަފުށިން ވަނީ އަނިޔާގެ ސަބަބުން ފުރަތަމަ ދެ މެޗުގައިވެސް ނުކުޅެވުނު އެޓީމު ކެޕްޓަން އުނައިސް ޒުބައިރު ފުރަތަމަ އެގާރައިގައި ހިމަނައިފައެވެ. އަދި ސަސްޕެންޝަނަށްފަހު އަހުމަދު އައިހަމް ވެސް އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނެވެ. އޭދަފުށީގެ ހަމައެކަނި ގޯލު މެޗުގެ 35 ވަނަ މިނެޓުގައި ޖެހީ އިސްމާއީލް ޝަރީފް އެވެ. މެޗުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނުއިރު މާޒިޔާ ކުޅުންތެރިން ހުއްޓުވުމުގައި އޭދަފުށީގެ މުޅި ޓީމުންވެސް މިއަދު ވަނީ ތަފާތު ހިތްވަރެއް ދައްކައިފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ ފޯވާޑް އަލީ ނަސީމް އެވެ. މިދިޔަ ދެ މެޗުގައިވެސް ކެޕްޓަން ބޭންޑް އަޅައިގެން ޓީމުގެ ކުރި ބެލެހެއްޓި އަލީ މިއަދު ފެނުނީ ޑިފެންސަށް ކުޅުނުތަނެވެ.

މުބާރާތުގައި ދެން އޭދަފުށީ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.