
ބ. ދަރަވަންދޫ، މާޅޮސް އަދި ކިހާދޫގައި ހާމައަށް ކުނި އެންދުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ތިން ރަށުން ސޮއިކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް “ނަމޫނާ ބ. އަތޮޅު”ގެ ނަމުގައި މިދިޔަ މަހު ފަހަކުން އަށަކަށް ސޮނެވާފުށީގައި ކުނި ނައްތާލުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ނަމޫނާ ބ. އަތޮޅު މަޝްރޫއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް، ދެމެހެއްޓެނިވި އުސޫލުން ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްކުރުމަށް ރަށު ކައުންސިލްތަކެއްގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ.
މާޅޮސް، ދަރަވަންދޫ އަދި ކިހާދޫ ރަށު ކައުންސިލްތަކުގެ އިސްނެގުމުގެ މަތީން މިގަރާރު އެކުލަވާލައި އެއްބަސްވެފައި ވަނީ، ހާމައަށް ކުނިއެންދުމަކީ އެކަމުގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް އަދި ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އެހެންކަމުން މިތިން ރަށުގައި ހާމައަށް ކުނިއެންދުން ހުއްޓާލުމުގެ ގޮތުން ‘އީކޯ-ސެންޓްރޯ’ ގާއިމްކުރެވި މިސެންޓަރުތަކުގައި އެ ރަށްރަށުން އުފައްދާ ކުނި ޖަމާކޮށް، ރީސައިކަލް ކުރުމާއި އަދި ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެހިގެން ދާނެ އެވެ.

މި ބައްދަލުވުމުގައި، ދަރަވަންދޫ، މާޅޮސް އަދި ކިހާދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން، އެ ތިން ރަށާއި ސޮނެވާފުއްޓާއި އަދި ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމަށް ޓަކައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމަޢިއްޔާއެއްކަމުގައިވާ، ކޮމަން ސީސްގެ މެދުގައި “ކްލީން ބްލޫ މޯލްޑިވްސް”ގެ ނަމުގައި ޕާޓްނަރޝިޕެއް ވަނީ އުފައްދައިފަ އެވެ.
ކްލީން ބްލޫ މޯލްޑިވްސްގެ އަމާޒަކީ ބ. އަތޮޅު އަދި ދިވެހި ރާއްޖެއަކީ ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަގްވާމީ ގޮތުން ނަމޫނާ ގައުމެއް ކަމުގައި ވެގެންދިއުމެވެ.
ސޮނެވާގެ ސީއީއޯ އަދި ފައުންޑަރު މި މަޝްރޫޢާ ގުޅޭ ގޮތުން ސޯނޫ ޝިވްދަސާނީ، ވިދާޅުވީ އެންމެން އެކުއެކީގައި މަސައްކަތްކޮށްފި ނަމަ ރާއްޖެއިން ސިންގްލް ޔޫސް ޕްލާސްޓިކް އާ ދެކޮޅަށް ކުރާމަސައްކަތް ބައިނަލްއަގުވާމީ ގޮތުން މިސާލަކަށް ވެގެންދާނެ ކަމަށެވެ.