މިއަހަރު އެންމެބޮޑު އިސްކަމެއްދޭނީ މަސްވެރިން ހޭލުންތެރިކުރަން: ބީއާރު އޮފީސް

ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީހުން މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ހިމާޔަތްކޮށްފައިވާ ތަންތަނާމެދު މަސްވެރިން ހޭލުންތެރި ކުރަން ކަމަށް އެ އޮފީހުން ބުނެފިއެވެ.

ބަޔޯސްފިއާ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރު ޝާފީ އަލީ ވިދާޅުވީ މިއަތޮޅުގައި ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ތެރެއިން އެ އޮފީހުގެ ބެލުމުގެދަށުގައި ހުރި ތަންތަނާމެދު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅު ނޫން އަތޮޅުތަކުގެ ރައްޔިތުންނާއި މަސްވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ.

“އެގޮތުން މިއަހަރު އެންމެ ބޮޑު އިސްކަމެއް އަތޮޅުން ބޭރަށް ދޭންޖެހުނު މައިގަނޑު އެއްސަބަބަކީ، ހިމާޔަތްކޮށްފައި ހުރި ތަންތަނާ ގުޅޭގޮތުން އެންމެ ގިނައިން ހުށަހެޅެނީ އަތޮޅުން ބޭރުގެ މަސްވެރިން އެ ސަރަހައްދުތަކަށް ވަނުމުގެ މައްސަލަތައް ކަމަށްވާތީ.” ޝާފީ ވިދާޅުވު އެވެ.

ޝާފީ ވިދާޅުވި ގޮތުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މިއަހަރު ނ. ރ. އަދި ބ. އަތޮޅުގެ މަސްވެރިންނަށް ހިންގާ އެވެ. އެގޮތުން މިއަތޮޅުގައި ހިމާޔަތް ކޮށްފައިވާ މައިގަނޑު 10 ސަރަހައްދުގެ ތެރެއިން ހަނިފަރު ސަރަހައްދަކީ ޚާއްޞަ އިސްކަމެއްދީގެން ބަލަމުންދާ ސަރަހައްދަކަށް ވުމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ހަނިފަރު ސަރަހައްދަށް ޚާއްޞަ އިސްކަމެއް ދޭނެކަމަށް ވެސް ޝާފީ ވިދާޅުވިއެވެ.

ޝާފީ ވިދާޅުވީ މިހާތަނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ހިމާޔަތް ކޮށްފައިވާ ތަންތަނާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފުވެފައިވަނީ އެކަމާ ގުޅޭ މައުލޫމާތު ނޭނގޭތީކަމަށެވެ.

ނަމަވެސް ބ. އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ވޭތުވެދިޔަ 6 އަހަރު ތެރޭގައި ހިންގި ޕްރޮގްރާމްތަކުގެ ނަތީޖާ މި އަތޮޅުން ފެންނަމުންދާކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.