ދަގަނޑޭ ހިމަނައިގެން އޭދަފުށީ މެޗަށް އެފްއޭއެމް ޓީމު އެކުލަވާލައިފި

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ޓާފް ދަނޑޫ– އީޓީ ފޮޓޯ/ނާހިލް

ބ. އޭދަފުށީގައި ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ޓާފް ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު އޭދަފުށީ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް އެފްއޭއެމް އިން އެކުލަވާލި ޓީމުގައި އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމަނައިފި އެވެ.

އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި ތަރައްގީ ކޮށްފައިވާ ދަނޑު ހުޅުވުމުގެ ގޮތުން ކުރިއަށް ގެންދެވޭ އެންމެ ހާއްސަ ހަރަކާތަކީ އޭދަފުއްޓާއި އެފްއޭއެމް ޓީމާ ދެމެދު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗެވެ. މި މެޗަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު އާއި އެފްއޭއެމް ގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް މިރަށަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެފްއޭއެމްއިން އެކުލަވާލި ޓީމުގައި މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ކުރިން ގައުމީ ޓީމަށް ކުޅެފައި ތިބި ކުޅުންތެރިންވެސް ވަނީ ހިމަނައިފަ އެވެ. މި ޓީމުގައި ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި ކެޕްޓަން އަކްރަމް އަބްދުލްގަނީ ވެސް ވަނީ ހިމަނައިފައެވެ. އަދި، ޓީމުގެ ޑިފެންސުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ސިފާއު ޔޫސުފް (ކުރޯ) އާއި ސެމީ ފައިނަލާއި ފައިނަލް މެޗުގައި މެދުތެރޭގައި ވަރުބަލިކަމެއް ނެތި ކުޅުނު ހުސައިން ނިހާން (ނިހާޓް) ވެސް ހިމެނެއެވެ. މި ކުޅުންތެރިންގެ އިތުރުން ނާއިޒް ހަސަން (ދާދު) ވެސް ޓީމުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެފްއޭއެމް ޓީމާ ދެކޮޅަށް ނުކުންނަ އޭދަފުށީ ޓީމުގައިވެސް މިރަށަށް އުފަން ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އެ ޓީމުގައި ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެއެވެ. އަދި، މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހީމް (ސައްޓު) ގެ އިތުރުން މިހާރު ފުރަތަމަ ޑިވިޝަނުގައި ކުޅޭ އެރަށުގެ ގިނަ ކުޅުންތެރިންތަކެއް މެޗުގައި ކުޅޭނެއެވެ. މި ކުޅުންތެރިންގެ އިތުރުން އެރަށުގެ ފުޓްބޯޅަ ލެޖެންޑް އަބްދުލްމަޖީދު އިބްރާހީމް (ކެޕްޓަން މަޖިއްޓޭ) އާއި 2008 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ސިފާން (ކުޑައްޓޭ) އަށްވެސް މެޗުގައި ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ޓީމުން މިހާރު އަންނަނީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ޓާފް ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

އޭދަފުށި ވަނީ 1986 އިން 1992 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އޭގެ ކުރިންވެސް އެރަށުގެ ޓީމުތައް ގައުމީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާއިރު ގައުމީ ފެންވަރުގެ އެންމެ ގިނަ ކުޅުންތެރިން އުފެއްދި އެއް ރަށަކީވެސް އޭދަފުއްޓެވެ. 2016 ވަނަ އަހަރުގެ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތް އެރަށުން ކާމިޔާބުކޮށްފައިވާއިރު، އެފްއޭއެމް އިން ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 2013،2014 އަދި މި އަހަރުވެސް މިރަށުން ވަނީ ކުޅެފައެވެ.

މި ޓާފަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ދުނިޔޭގައި ޓާފް އުފައްދާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ އިން އުފައްދާފައިވާ އެސްޕީމެކްސް 45 ގެ ޓާފެކެވެ. ދަނޑު އެޅުމަށް ބިން ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅައި ބިން ވަނީ ވަނީ އެއްވަރުކޮށްފައެވެ. އަދި، އޭގެފަހުން މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ވޯޓާ ޕްރޫފް މެމްބްރޭން އެއް އަޅައި އޭގެ މަތީގައި ޝޮކްޑްރެއިން ނިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ. މި ނިޒާމަކީ އާއްމުކޮށް ބިމުގެ ފަސް ހަރުކޮށްގެން އަޅާ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށްދޭ ނިޒާމެކެވެ. މި ދަނޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު އެންމެ ރަނގަޅު ފެންވަރުގެ ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް މި ދަނޑު ހުޅުވާއިރު އެރަށުން އަންނަނީ އެދުވަހުގެ ހަރަކާތްތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އަލީ އަޝްފާގް (ދަގަނޑޭ)، މުހައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ (މެސީ)، އަހުމަދު ފައްރާހް (ފައްރަ)، އަކްރަމް އަބްދުލްގަނީ (އަކޫ)، އަހުމަދު އަބްދުﷲ (ލިލީ)،ހުސައިން ނިހާން (ނިހާޓް)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، މުހައްމަދު އައްޒާމް، މުހައްމަދު އުމެއިރު، ޔަސްފާދު ހަބީބު (މުލަކޭ)، އިމްރާން ނަޝީދު، މުހައްމަދު ސާމިރު، ހުސައިން ސިފާއު ޔޫސުފް (ކުރޯ)، މުުހައްމަދު ރަޝީދު (ހޮކޭ)، މުހައްމަދު އިމްރާން

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Alibe

    thiya haa 7 udu mathee fenvaruge dha’ndivalhu hulhuvan eydhafudhi dhekolhah ekulavaali team ga Eydhafudhi balivegen Tasha kulhunin thibeema meyboduvegen kuree baiga evaahska liyelee. Eydhafudhi meehunnakee abadhuves thimaamenvaru molhu bayaku nethigen ulhey kiburuveri bodaa Toni baeh

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.