ބިންގާ އެޅިތާ ހަ މަސް، އަދިވެސް އެއްވެސް މަސައްކަތެއް ނުފެށޭ

އޭދަފުށީގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފައިލް ފޮޓޯ

ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު އޭދަފުށިގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅި މިދިޔަ ރިޔާސީ އިންތިހާބަށް އެއް ދުވަހަށް ވެފައިވަނިކޮށް މިދިޔަ ސެޕްޓެމްބަރުމަގުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ހަ މަސްދުވަސް ވީއިރުވެސް މިސްކިތް އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއްވަނީ ނުފެށި އެވެ.

ދަނާލުގެ ދެކުނުން އޮތް ހުސްބިމުގައި އިމާރާތްކުރަން ހަމަޖެހިފައވާ އެ މިސްކިތުގެ ބިންގާ އަޅުއްވާ ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ކޮންޓްރެކްޓަރުގެ ފަރާތުން ހަސަން ހަބީބު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ޒަމާނީ ފެންވަރަށް މި މިސްކިތް އިމާރާތް ކުރާނީ މިހާރު ވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި މިފަދަ މިސްކިތްތައް އިމާރާތްކުރާ ފަރާތަކުން ކަމަށެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، އެ ސަރަހައްދުގެ ބިން ސާފުކުރުމަށްފަހު، މިސްކިތް އިމާރާތް ކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 “މިއީ ރަށުގެ އުމުރާނީ ތަރައްގީއަށް ކުރެވިގެންދާ ވަރަށްބޮޑު މަސައްކަތެއް. ހަމައެކަނި މިސްކިތެއް ނޫން ބިނާކުރެވޭނީ. މީގެ ސަބަބުން އިތުރު ވަޒީފާތަކެއް ވެސް އުފެދިގެން މިދަނީ،”

ޒިޔާދު އެދުވަހު ވިދާޅުވި ގޮތުގައި މިރަށުގެ ވިޔަފާރިވެރިންނާ ގުޅިގެން ރަށުގެ ބަނދަރުސަރަހައްދުގައި ހުރި (މަސްޖިދުލް ޔޫސުފް) މިސްކިތް ވެސް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި މިއަދު ބިންގާ އެޅި މިސްކިތުގެ މަސައްކަތް ނިމުމާއެކު އެ މިސްކިތުގެ މަސައްކަތް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިރަށު އިރުމަތީ ސަރަހައްދު އަންހެނުންގެ ނަމާދުގެ، ފިރިހެނުން ނަމާދުކުރާ މިސްކިތަކަށް ބަދަލުކުރުމުގެ ކަންތައްވެސް ކުރަމުން އަންނަކަމަށް އޭރު ޒިޔާދު ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިސްކިތުގެ ބިންގާ އެޅިފަހުން މިސްކިތް އިމާރާތްކޮށްދޭން ބުނި ފަރާތުގެ އެއްވެސް ޚަބަރެއް ނުވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.