ގޯތި ބޭނުންވާ މީހުންގެ މައުލޫމާތު ހޯދަނީ ކައުންސިލަށް ނޭގި: އޭދަފުށީ ކައުންސިލް

އޭދަފުށީ ކައުންސިލް އިދާރާ.

އޭދަފުށީގައި ގޯތި ގެދޮރު ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ބަޔަކު ސާވޭ ފޯމު ފުރަމުންގެންދާތީ އެއީ ރަށު ކައުންސިލަށް އެނގިގެން ކުރާ ކަމެއް ނޫންކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭދަފުށީގައި ގޯތި ގެދޮރު ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ބަޔަކު ސާވޭ ފޯމު ފުރަމުންގެންދާކަމުގެ މައުލޫމާތު ލިބެމުންދާތީ، މިކަމަކީ ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ކުރަމުންގެންދާ ކަމެއްކަމަށް ކައުންސިލަށް އެއްވެސް ގޮތަކުން އަންގާފައި ނުވާކަމަށެވެ.

“މިއީ ކައުންސިލަށް އެނގިގެން ކުރަމުންގެންދާ ސާވޭއެއް ނޫންކަމުގައި އޭދަފުށީގެ އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިއްމު ކަމެއްގެ ސާވޭ އެއް އެއްވެސް ފަރާތަކުން ކުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރުމަށް ދަނަވަމެމެވެ.” ނޫސް ބަޔާނުގައިވެ އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ގޯތި ގެދޮރުގެ ދަތިކަން ބޮޑުވެފައިވާތީ، ގޯތި ދޫކުރުމަށް ބޭނުންވާ ހުއްދަ ހޯދުމަށް ކަމާބެހޭ ވުޒާރާތަކަށް ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުންތައް ވާނީ ފޮނުވާފަ އެވެ. އަދި އެކަމަށް ހުއްދަލިބުމުން ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.