ކިހާދޫ އާއި ދޮންފަނު އަދި ކުޑަރިކިލު ބަނދަރު ހަދަން ފަށަނީ

ވަރަށްބޮޑަށް ހަލާކުވެ، މަރާމާތު ނުކުރެވި ގިނަ އަހަރުވެފައިވާ މިއަތޮޅު ކިހާދޫ އާއި ދޮންފަނު އަދި ކުޑަރިކިލުގެ ބަނދަރު ހަދަން މި އަހަރު ފަށަން ނިންމައިފައިވާ ކަމަށް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޯފިޑް ފަންޑުގެ އެހީގައި މިއަހަރު ފަށަން ނިންމާފައިވާ 20 މަޝްރޫއުގެ ތެރޭގައި މިއަތޮޅުގެ އެ ތިން ރަށުގެ ބަނދަރުހެދުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ހަމަ އެ ފަންޑުންދޭ އެހީގައި މިއަތޮޅު ކެންދޫގައި ފެނުގެ ނިޒާމް ގާއިމްކޮށް ދަރަވަންދޫގައި ނަރުދަމާ ގާއިމުކުރާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަޝްރޫއުތަކަށް އޯފިޑް ފަންޑުން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދޭނެ ކަމަށެވެ. މި މަޝްރޫއުތަކަށް ޖުމްލަ 62.5 މިލިއަން ޑޮލަރު ހޭދަވާ އިރު، ބާކީ އޮތް 12.25 މިލިއަން ޑޮލަރު ހޭދަ ކުރާނީ ދިވެހި ސަރުކާރުންނެވެ.

އެ ފަންޑުން ދޭ އެހީގައި ގާއިމްކުރަން ނިންމާފައި ވަނީ އަށް ރަށެއްގެ ނަރުދަމާގެ ނިޒާމާއި ހަތް ރަށެއްގެ ފެނުގެ ނިޒާމުގެ އިތުރުން ފަސް ރަށެއްގެ ބަނދަރެވެ. މި މަޝްރޫއުތައް މި އަހަރުގެ މެދެއްހާ ހިސާބުގައި ބީލަމަށް ހުޅުވާލާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.